ކ. ތިލަފުށި ފަޅުން މިހާތަނަށް ހިއްކާފައިވާ 14 ހެކްޓަރުގެ ސަރަހައްދުން އެކި ބޭނުންތަކަށް އަންނަ މަހު 158 ބިން ދޫކުރަން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް )ޓީސީއެލް( އިން ނިންމައިފި އެވެ.

ޓީސީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، މިހާރު ހިއްކާފައިވާ ސަރަހައްދުގެ ތެރެއިން ލެވެލްކުރެވި ބޭނުން ކުރެވޭ ގޮތަށް އޮތް 14 ހެކްޓަރުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ތައްޔާރުކޮށްފައިވާ ކަމަށެވެ.

އެ ޕްލޭނުގައިވާ ގޮތުން ހަ ބޭނުމަށް 158 ބިން ދޫކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންސްޓްރަކްޝަން މެޓީރިއަލް ގުދަންކުރުމަށް ދޫކުރާ 20،000 އަކަފޫޓްގެ 20 ބިމާއި ލަކުޑި މަސައްކަތްތަކަށް ދޫކުރާ 10،000 އަކަފޫޓުގެ 20 ބިމާއި ސޯމިލްއާއި އެކި ބާވަތުގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް 5،000 އަކަފޫޓުގެ 20 ބިމާއި ދަގަނޑާއި އިލެކްޓްރިކަލް މަސައްކަތްތަކަށް 5،000 އަކަފޫޓުގެ 20 ބިން އަދި އެހެނިހެން މަސައްކަތްތަކަށް ދޫކުރާ 20،000 އަކަފޫޓުގެ ހަތަރު ބިމާއި ހަމަ އެކި ބޭނުންތަކަށް ދޫކުރާ 2000 އަކަފޫޓުގެ 74 ބިމެކެވެ.

ބިން ދޫކުރާނެ ރޭޓާއި މުއްދަތަކާއި ބިން ދޫކުރުމާ ބެހޭ އުސޫލް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގެޒެޓް ކުރާނެ ކަމަށް ޓީސީއެލް އިން ބުނެ އެވެ.

"މި ބިންތައް ކުއްޔަށް ދޫކުރުމާ ގުޅިގެން މާލޭގައި ތޮއްޖެހުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށް ފެނެ އެވެ. މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އިތުރު ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވެސް ފެނެ އެވެ." ޓީސީއެލްގެ ބަޔާނުގައި ބުނެ އެވެ.

އަލަށް ހިއްކާ ސަރަހައްދުގައި އިންޓަނޭޝަނަލް ޕޯޓަކާއި ކޮންޓެއިނަރު ޓާމިނަލެއް ވެސް ގާއިމްކުރަން ވަނީ ޕްލޭންކޮށްފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ހިއްސާވާ ހެވީ ލޯޑާ ހަވާލުކޮށްގެން ތިލަފުށި ފަޅުން 157 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން އެ މަސައްކަތް ހުއްޓާލަން އަންގާފައިވަނިކޮށެވެ. ޓީސީއެލުން ބުނާ ގޮތުގައި، އެ މަޝްރޫއު ހުއްޓުވުމުގެ ބާރު އޭސީސީ އަށް ލިބިގެނެއް ނުވެ އެވެ. އެ މައްސަލަ ކޯޓުގައި މިހާރު އޮތް އިރު ހެވީ ލޯޑުން ދަނީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރަމުންނެވެ.

ޓީސީއެލް އިން މިއަދު ބުނީ، ފަޅު ހިއްކުމަށް ވެލި ނެގުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި ބާދަގަނޑާއި އެހެނިހެން ބާވަތްތަކުގެ ދަގަނޑު މައުދަންތައް ހުރުމުން ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ހެވީ ލޯޑުން އެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ.