ސައޮ ޕައުލޯ (އޭޕްރިލް 7): ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑެ ސިލްވާގެ މައްޗަށް ކޮށްފައިވާ 12 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށް ޓަކައި އޭނާ ފުލުހުންނާ ހަވާލުވެއްޖެ އެވެ.

ލޫލާ ފުލުހުންނާ ހަވާލުވާން ކޯޓުން އެންގީ ހުކުރު ދުވަހުގެ 17:00 ކުރިންނެވެ. ނަމަވެސް އެ މުހުލަތު ފަހަނަ އަޅާ ދިޔައިރު ވެސް އޭނާ ހުންނެވީ ސައޮ ޕައުލޯގެ މެޓަލް ވޯކާސް ޔޫނިއަން ބިލްޑިންގުގަ އެވެ.

ނަމަވެސް އިއްޔެ އޭނާ ވަނީ އެ އިމާރާތުން ނުކުންނަވައިފަ އެވެ. އަދި ބްރެޒިލްގެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްގެން ގެންގޮސްފަ އެވެ.

ލޫލާ ހައްޔަރު ކުރުމުގެ ކުރިން އޭނާ ވަނީ ޔޫނިއަން ބިލްޑިންގް ކައިރިއަށް އެއްވެފައި ތިބި އޭނާއަށް ތާއިދުކުރާ ފަރާތްތަކާ މުހާތަބުކޮށް އެއް ގަޑި އިރުގެ ތަގުރީރެއް ދެއްވައިފަ އެވެ. އަދި އޭނާ ކުށެއް ނުކުރައްވާ ކަމަށާއި ނަމަވެސް ކޯޓުން އޭނާ ހައްޔަރު ކުރަން ނެރުނު އަމުރަށް ތަބާވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު ލޫލާ ޖަލަށް ލާން ހުކުމް ކުރީ ދައުލަތުގެ ތެޔޮ ކުންފުނި ޕެޓްރޯބްރާސްގެ ކޮންޓްރެކްޓެއް ކާމިޔާބު ކުރުމަށް އިންޖިނިއަރިން ކުންފުންޏަކުން ދިން ރިޝްވަތު ގަބޫލު ކުރެއްވިކަން ސާބިތުވުމުންނެވެ. އަދި އެމައްސަލާގައި އޭނާގެ މައްޗަށް ފުރަތަމަ ކުރީ ނުވަ އަހަރާއި ބައިގެ ޖަލު ހުކުމެއް ނަމަވެސް އިސްތިއުނާފު ކޯޓަކުން ވަނީ އެހުކުމް 12 އަހަރަށް އިތުރުކޮށްފަ އެވެ.

ބްރެޒިލްގެ ރައީސްކަން 2003 ވަނަ އަހަރުން 2011 އަށް ކުރެއްވި ލޫލާ ވަނީ އަންނަ އޮކްޓޯބަރު މަހު އެގައުމުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައި ވުމުން، ލޫލާއަށް އިންތިހާބުގައި ވާދަ ކުރެވޭނެ ކަން ނުވަތަ ނޫންކަން ނިންމާނީ އެގައުމުގެ ސުޕީރިއާ އިލެކްޓޯރަލް ކޯޓު (ޓީއެސްއީ)އިންނެވެ. (ބީބީސީ)