ދިމިޝްގު (އޭޕްރިލް 8): ސީރިއާގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ދޫމާއަށް ކެމިކަލް ހަމަލާއެއްދީ 70 މީހަކު މަރާލައިފި ކަމަށް އެސަރަހައްދުގައި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ވައިޓް ހެލްމެޓްސް އިން ބުނެފި އެވެ.

ވައިޓް ހެލްމެޓްސްގައި އިސްކޮށް ހުންނަވާ ރާއިދު އަލް ސަލާހް ވިދާޅުވި ގޮތުގައި ދޫމާ އަށް އިއްޔެ ދިން ހަމަލާގައި ކްލޮރިން ގޭހާއި އެއަށް ވުރެ ބާރުގަދަ ގޭހެއް ބޭނުންކޮށްފައިވެ އެވެ. އަދި އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި ގިނަ އަދަދެއްގެ މީހުންގެ ހާލު ސީރިއަސް ކަމުން އިތުރު މީހުން މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސަލާހް ވިދާޅުވި އެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކަށް ތާއިދު ކުރާ ޣޫތާ މީޑިއާ ސެންޓަރުން ބުނި ގޮތުގައި އެހަމަލާގައި ވިހަ ނާވް އޭޖެންޓެއް ކަމަށްވާ ސެރިން ގޭސް ބޭނުންކޮށްފައިވެ އެވެ. އަދި ސީރިއާގެ ހޮސްޕިޓަލްތަކާ އެކު މަސައްކަތް ކުރާ އެމެރިކާގެ ޗެރިޓީއަކުން ވަނީ އެހަމަލާއާ ގުޅިގެން ފަރުވާ ދިން މީހުންގެ ފަރާތުން ސެރިން ގޭހުގެ ސަބަބުން ފެންނަ އަލާމާތްތައް ފެނިފައިވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް ސީރިއާގެ ދައުލަތުގެ ނޫސް އޭޖެންސީ ސަންއާ ވަނީ އިން އެތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އެއީ ދޫމާ ހިފާފައިވާ ޖައިޝް އަލް އިސްލާމުން ފަތުރާ ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

ދޫމާ އަކީ މިހާރު އިރުމަތީ ޣޫތާގައި އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސަރަހައްދެވެ. އިރުމަތީ ޣޫތާ ހިފުމަށް ސީރިއާ ސަރުކާރުން ފެބްރުއަރީ މަހު ދޭން ފެށި ވަރުގަދަ ހަމަލާތަކުގައި 1،600 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ސީރިއާގެ ހަތް އަހަރުވީ ހަނގުރާމައިގައި މީގެ ކުރިން ސެރިން ގޭހުގެ ދެ ހަމަލާއަކާއި ކްލޮރިން ގޭހުގެ ތިން ހަމަލާއެއް ދީފައިވާ ކަން ޔަގީންވެފައިވާ ކަމަށް އދ.އިން ވަނީ ބުނެފަ އެވެ. (ބީބީސީ)