08 Apr 2018, 09:33
މަގުބޫލު މެސެޖިން އެޕްލިކޭޝަން "ޓެލެގްރާމް" ރަޝިއާގައި ބްލޮކް ކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ރަޝިއާގައި މުވާސަލާތީ ކަންތައް ސުޕަވައިޒް ކުރާ މުވައްސަސާ އިން ވަނީ އެ ގައުމުގައި ޓެލެގްރާމް ބްލޮކު ކުރަން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށައިފަ އެވެ.
ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން މިފަދަ ބޮޑު ނިންމުމެއް ނިންމާފައި ވަނީ މެސެޖް ސްކްރެމްބްލް ކުރާ އެންކްރިޕްޝަން ކީސް ހޭންޑް އޯވާކުރަން ޓެލެގްރާމުން ދެކޮޅު ހެދުމާ ގުޅިގެންނެވެ.
އެންކްރިޕްޝަން ކީސް ހޭންޑް އޯވާ ކުރުމަށް ރަޝިއާ ސަރުކާރުން ޓެލެގްރާމަށް ދިން މުހުލަތު މިމަހުގެ ހަތަރަކަށް ވަނީ ހަމަވެފަ އެވެ. ނަމަވެސް ޓެލެގްރާމުން ވަނީ އެންކްރިޕްޝަން ކީސް ރަޝިއާގެ ސަރުކާރާ ހިއްސާ ކުރަން ދެކޮޅު ހަދައިފަ އެވެ.
އެންކްރިޕްޝަން ކީސް ބޭނުން ކުރާނީ ޓެލެގްރާމް މެދުވެރިކޮށް ކުރާ މެސެޖުތައް ބަލައި، ރަޝިއާ އަށް އަމާޒުވެދާނެ ޓެރަރިސްޓު ހަމަލާ އަކުން ސަލާމަތްވުމަށް ކަމަށް ރަޝިއާގެ ސެކިއުރިޓީ އެޖެންސީ އެފް އެސް ބީ އިން ވަނީ ބުނެފަ އެވެ.
ޓެލެގްރާމުން ބުނީ އެންކްރިޕްޝަން ކީސް ހޯދަން ރަޝިއާ ސަރުކާރުން އެކުންފުންޏާ ދެކޮޅަށް ކުރި ދައުވާ އަކީ ގާނޫނީ ގޮތުން އަދި ޓެކްނިކަލް ގޮތުން ބެލި ނަމަވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.