08 Apr 2018, 09:11
ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ހަވީރު ހުޅުމާލޭގައި ބޭއްވި އާއިލީ ހަވީރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި ހަވީރު ކުރިއަށްދިޔަ ގޮތާ ގުޅޭގޮތުން ސަން އާ ވާހަކަ ދައްކަވަމުން އެޗްޑީސީގެ މުނިސިޕަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓަންޓް ޑިރެކްޓަރ އާމިނަތު ޒައިނާ ވިދާޅުވީ އިއްޔެގެ ހަވީރަށް ހާހެއްހައި މީހުން ޒިޔާރަތްކުރި ކަމަށެވެ.
"މަގުސަދު ވަރަށް ރަނގަޅަށް ހާސިލު ވެއްޖެ. ޓްރީޓޮޕް ހޮސްޕިޓަލް އަދި އާސަންދަގެ ފަރާތުން ދިން ޗެކްއަޕް ހިދުމަތަށް ގިނަ މީހުން ކިއު ގައި ތިބި. މިއީ ހިއްސީ ހޭލުންތެރިކަން އިތުރުކޮށް ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވި އިވެންޓެއް. އެހެންވީމަ ދެންނެވޭނީ އެއްމެ މުހިއްމު އެއް މަގުސަދު ހާސިލް ވެއްޖެއޭ،" ޒައިނާ ވިދާޅުވިއެވެ.
ޒައިނާ ވިދާޅުވީ މުޖުތަމައުގައި އޮންނަ އެކުވެރިކަން ބަދަހިކޮށް އާލާ ކުރުމަށް މިފަދަ ހާއްސަ ދުވަސްތަކާ ގުޅުވައިގެން އެޗްޑީސީން އިވެންޓުތައް ބާއްވާނެ ކަމަށެވެ.
އިއްޔެގެ އާއިލީ ހަވީރުގައި ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖެގައި ހަރަކާތްތެރިވާ ގިނަ ޖަމްއިއްޔާ ޖަމާއަތްތަކަކުން ބައިވެރިވިއެވެ. މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލާއި ޓްރީ ޓޮޕު ހޮސްޕިޓަލުންވެސް ވަނީ މި އިވެންޓުގައި ބައިވެރިވެފައެވެ.

ޓްރީ ޓޮޕް ގެ ސްޓޯލް--- ފޮޓޯ: ޓްރީ ޓޮޕް
މި އިވެންޓުގައި ހުރި ޓްރީ ޓޮޕްގެ ސްޓޯލުން ވަނީ ހިލޭ އިކޯ ހެދުމުގެ ހިދުމަތް ދީފައެވެ. މީގެ އިތުރުން އެ ހޮސްޕިޓަލުގެ ހިދުމަތަށް ރަޖިސްޓްރީ ކޮށްދިނުމާއި ސިއްހީ އެކި ސުވާލުތަކަށް ޖަވާބުދީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކެއުން ބަހައްޓަންވީ ގޮތާގުޅޭގޮތުން އެ ހޮސްޕިޓަލުގެ ނިއުޓްރިޝަނިސްޓުންނާއި ޑައިޓީޝަން ވަނީ މައުލޫމާތު ދެއްވައިފައެވެ.

އިއްޔެ ކުރިއަށްދިޔަ އާއިލީ ހަވީރު --- ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ހޮސްޕިޓަލުގެ ސްޓޯލުން ވަނީ ލޭގެެ ޕްރެޝަރާއި ހަކުރު އަދި ބީއެމްއައި ބެލުމުގެ ހިދުމަތް ދީފައެވެެ. މީގެ އިތުރުން ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކަށް ރަޖިސްޓްރީ ކޮށްދިނުމާއި އެ ހޮސްޕިޓަލުގެ ކެންސާ ކްލިނިކުގެ ހިދުމަތްތަކާ ގުޅޭގޮތުންވަނީ މައުލޫމާތު ދީފައެވެ. ނަން ކޮމިއުނިކެބްލް ޑިޒީސަސް (އެންސީޑީ) އެލަޔަންސްގެ ފަރާތުން ވެސް މި އިވެންޓުގައި ބައިވެރިވިއެވެ. ކެންސާ ސޮސައިޓީ، ޓައިނީ ހާޓްސް، ޑައިބެޓިކް ސޮސައިޓީ އަދި އެމްއޭޕީޑީ ފަދަ އެންޖީއޯސްތަކުން އެންސީޑީ ތަމްސީލު ކުރިއިރު ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް ހޭލުންތެރިކަން އިތުރުކުރުމަށް އެކި ކުޅިވަރުތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެންސްޕާ ފަދަ މުވައްސަސާތަކުން ވެސް ބައިވެރިވި މި އިވެންޓު ކުރިއަށް ގެންގޮސްފައިވަނީ ކުޑަކުދިންނަށް ވެސް ބައިވެރިވެވޭފަދަ ހަރަކާތްތަކާއެކުގައެވެ.