އަޖޭ ދޭވްގަންގެ ކްރައިމް ޑްރާމާ ‘ރެއިޑް’ އަށް ބޮކްސްއޮފީހުގައި 100 ކުރޯރު (15 މިލިއަން އެމެރިކާ ޑޮލަރު) ގެ އާމްދަނީއެއް ލިބިއްޖެ އެވެ. އެއާއެކު ‘ރެއިޑް’ ވެގެން ގޮސްފައި ވަނީ 100 ކުރޯރުގެ އާމްދަނީއެއް ހޯދި، އަޖޭގެ އަށް ވަނަ ފިލްމަށެވެ. އަދި މި އަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން އެވަރުގެ އާމްދަނީއެއް ލިބުނު ހަތަރު ވަނަ ފިލްމަށެވެ.

ޓްރޭޑް އެނަލިސްޓު ތަރަން އާދަރްޝް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ފިލްމަށް 100 ކުރޯރު ލިބިފައި ވަނީ ފިލްމު ރިލީޒް ކުރިތާ 22 ދުވަހުގެ ތެރޭގައި ކަމަށެވެ. ފިލްމަށް ލިބެމުން އަންނަ ތަރުހީބު އަދިވެސް ކުޑަ ނުވާތީ ކުރިއަށް އޮތް ހަފްތާގައި ފިލްމުގެ އާމްދަނީ އިތުރުވެގެން ދާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެއެވެ. މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު ފިލްމު ރިލީޒް ކުރި އިރު އެ ފިލްމާ ވާދަ ކުރާނެ އިތުރު ފިލްމެއް ސިނަމާތަކުގައި ދައްކަމުން ނުދާތީ، ފުރަތަމަ ދުވަހުން ފެށިގެން ވެސް ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ރާޖްކުމާރު ގުޕްތާ ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގައި އަޖޭ އާއެކު ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެން ދަނީ އިލީނިއާ ޑިކުރޫޒް، ޝޯރަބް ޝުކްލާ އަދި ސާނަންދު ވަރްމާ އެވެ.

ފިލްމުގައި އަޖޭ ފެނިގެން ދަނީ އަމޭ ޕާޓަކް ކިޔާ ޖެހިލުންކުޑަ އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލުންނެވެ.