ޒަކާތުގެ ފައިސާ އަށް އެދި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން ހުށަހަޅާފައިވާ ފަރާތްތަކަށް ބޮލަކަށް 220 ރުފިޔާގެ މަގުން މިއަދު ފައިސާ ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ މި އަހަރު ޒަކާތުގެ ފައިސާގެ ގޮތުގައި 2،337،100.3ރ. ލިބިފައިވާ ކަމަށެވެ. އަދި މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އިން އަދި މާލެ އިން 82،573 މީހުން ޒަކާތް ދައްކާފައިވާ ކަމަށެވެ. މިދިޔަ އަހަރު ޒަކާތުގެ ފައިސާގެ ގޮތުގައި 2،322،026.05ރ. ވަނީ ލިބިފަ އެވެ.

މި އަހަރު ޒަކާތް ދެއްކި މީހުންގެ އަދަދު މިދިޔަ އަހަރަށް ވުރެ 9،289 މީހުން މަދެވެ. މިދިޔަ އަހަރު ޒަކާތް ދައްކާފައި ވަނީ 91،862 މީހުންނެވެ.

ފިތުރު ޒަކާތް ހޯދުމަށް މިއަހަރު 10،621 މީހަކު ރަޖިސްޓްރީ ކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 1301 މީހުން އިތުރު އަދަދެކެވެ.

އަހުމަދުﷲ ވިދާޅުވީ ޒަކާތުގެ ފައިސާ ހޯދުމަށް ނަން ނޯޓް ކުރި މީހުންގެ އަދަދު މި އަހަރު އިތުރުވެފައިވާ ކަމަށާއި މި އަހަރު ޒަކާތުގެ ފައިސާ ހޯދުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރޭގައި މާލޭގެ ބޮޑެތި އިމާރާތްތައް ކުއްޔަށްދީގެން އުޅޭ މީހުންނާއި ލޯޔަރުންވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ޒަކާތުގެ ފައިސާ ދޫކުރުމުގައި މިނިސްޓްރީން ހަރުކަށި މިންގަނޑެއް ގެންގުޅެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ގައުމުތަކާ އަޅާބަލާއިރު ޒަކާތުގެ ފައިސާ ހޯދުމަށް ނަން ނޯޓް ކުރާ ރާއްޖޭގައި އޮންނަ މިންގަނޑު ތަފާތު. ޒަކާތުގެ ފައިސާ ހައްގުވާ ކަމަށް އެމީހަކަށް ގަބޫލް ކުރެވެންޏާ އެމީހަށް ޒަކާތުގެ ފައިސާ ލިބޭނެ. ރާއްޖޭގައި އާމްދަނީ ލިބޭ ލޯޔަރުން ފެންވަރުގެ ބައެއް ބޭފުޅުން ވެސް ޒަކާތުގެ ފައިސާ ނަގަން ނަން ނޯޓް ކުރުމަކީ ސުވާލު އުފެދޭ ކަމެއް. އެފައިސާ ހައްގުވަނީ ކޮންކޮން ބަޔަކަށްކަން ދީނީ ގޮތުން އެބައޮވޭ އެނގެން،" އަހުމަދުﷲ ވިދާޅުވި އެވެ.
މި އަހަރުގެ ޒަކާތުގެ ފައިސާ ދެއްކުމުގެ ކަންތައްތައް މިދިޔަ އަހަރެކޭ ވެސް އެއްފަދައިން ބޭންކާއި ދިރާގާއި ވަތަނިއްޔާ މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީން ހުޅުވާލި އެވެ.