08 Apr 2018, 09:18
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ހައެއްގެ ޗެމްޕިއަންކަން ތ. އަތޮޅުގެ ޗެމްޕިއަން، ތިމަރަފުށިން ހޯދައިފިއެވެ.
ޒޯން ހައެއްގައި ވާދަކުރަނީ ލ. އަތޮޅުގެ ޗެމްޕިއަން މާބައިދުއާއި ތ. އަތޮޅުގެ ޗެމްޕިއަނުން ތިމަރަފުއްޓެވެ. މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގު، މާބައިދޫގައި ކުޅުނު އިރު، އެ މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ.
އިއްޔެ ތ. ތިމަރަފުށީގައި ކުޅުނު މެޗުން ތިމަރަފުށި މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.
މެޗުގެ ހަވަނަ މިނެޓުގައި މާބައިދޫން ވަނީ ލީޑު ނަގައިފައެވެ. އެ ގޯލް މާބައިދުއަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ފަރީޝްއެވެ.
ފަރީޝްގެ ގޯލަށް މާ ގިނައިރެއް ނުވެ، މެޗުގެ 13 ވަނަ މިނެޓުގައި ތިމަރަފުށިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ތިމަރަފުށިން ނަތީޖާ ހަމަހަމަކުރީ އަހުމަދު ރަޝީދުގެ ގޯލުންނެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން، މެޗުގެ 25 ވަނަ މިނެޓުގައި ތިމަރަފުށިން ލީޑު ނަގާފައިވަނީ އަލީ ސަލާމްގެ ގޯލުންނެވެ.
ޒޯން ހައެއްގެ ޗެމްޕިއަންކަން ހޯދި ތިމަރަފުށި ދެން ވާދަކުރަން ޖެހޭނީ ފައިނަލް ބުރުގައެވެ. އެ ބުރުގައި ވާދަކުރާނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރަކުން ޖާގަ ހޯދި ޓީމުތަކާއި، މިއަހަރުގެ މުބާރާތުގެ ޒޯން ޗެމްޕިއަންކަން ހޯދާ ޓީމުތަކެވެ.