08 Apr 2018, 09:26
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އާނޯލްޑް ޝުވާޓްސްނީގާ ފެނިގެންދާ ފެންޓަސީ ސައިންސް ފިކްޝަން ފިލްމު "ޓާމިނޭޓާ"ގެ ހަ ވަނަ ފިލްމު ރިލީޒް ކުރަން ކުރިން ތާވަލު ކޮށްފައި އޮތް ތާރީހު ބަދަލުކޮށް، ރިލީޒްކުރާ ތާރީހު ތިން މަހަށް ފަސްކޮށްފި އެވެ.
ޓާމިނޭޓާގެ އަސްލު ތަރިން ކަމަށްވާ، އުމުރުން މިހާރު 70 އަހަރުގެ އެކްޓަރު ޝުވާޓްސްނީގާ އާއި އުމުރުން 61 އަހަރުގެ ތަރި ލިންޑާ ހެމިލްޓަންގެ އިތުރުން އައު ތަރިއެއްގެ ގޮތުގައި "ދަ މާޝިއަން"ގެ ތަރި މެކެންޒީ ޑޭވިސް ފެނިގެންދާ ޓާމިނޭޓާގެ އެ ފިލްމަށް އަދި ނަމެއް ދީފައެއް ނުވެއެވެ.
ނަވާރަ ސަތޭކަ ނުވަދިހަ އެއްވަނަ ދުވަހު ރިލީޒްކުރި "ޓާމިނޭޓާ 2: ޖަޖްމަންޓް ޑޭ"ގެ ޑައިރެކްޓް ސީކިއުލް އަކަށް ހަދާ އެ ފިލްމު ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތީ، ޖުލައި 26، 2019 ވަނަ ދުވަހު އެވެ.
ނަމަވެސް ތާރީހު ބަދަލުކޮށް މިހާރު އެ ފިލްމު ރިލީޒްކުރަން ތާވަލު ކޮށްފައިވަނީ ނޮވެމްބަރު 22، 2019 ގައެވެ.
ޑެޑްޕޫލްގެ ޑައިރެކްޓަރު ޓިމް މިލާ ޑައިރެކްޓްކުރާ ޓާމިނޭޓާގެ ހަވަނަ ފިލްމުގެ ޕްރޮޑިއުސަރަކީ ޖޭމްސް ކެމެރޮންއެވެ. އަދި މިއީ "ޓާމިނޭޓާ 2: ޖަޖްމަންޓް ޑޭ" އަށްފަހު ހެމިލްޓަން، ޝުވާޓްސްނީގާ އަދި ކެމެރޮން އެއްކޮށް މަސައްކަތްކުރާ ފުރަތަަމަ ފިލްމެވެ.