07 Apr 2018, 19:09
އެސްޓީއޯ މާލޭ ލީގުގައި މިއަދު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއެކު ކާމިޔާބުކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި މާޒިޔާއިން ޔޫވީގެ މައްޗަށް ކުރިހޯދީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނީ މާޒިޔާއިންނެވެ. ގިނަ ޕާސްތަކެއް ޖަހައި، މެދުތެރެއިން ވަރުގަދަކޮށް ކުޅެމުންދިޔަ މާޒިޔާއިންވަނީ މެޗުގައި ގިނަ އެޓޭކްތަކެއް އުފައްދައިފައެވެ.
އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި މާޒިޔާއިންވަނީ ލީޑު ނަގައިފައެވެ. ޔޫވީގެ ޑިފެންޑަރު ކައިރިން ނައްޓާލައި، އޭރިއާ ތެރެއަށް ވަދެ ނާއިޒް ހަސަން (ދާދު) ނަގައިދިން ހުރަސް ފަސޭހަ ކަމާއެކު ގޯލްގެ ތެރެއަށް ފޮނުވާލައިގެން މާޒިޔާއަށް ލީޑު ނަގައިދިނީ އިސްމާއީލް އީސަ (މެސީ)އެވެ.
ގޯލަށްފަހުވެސް ވަރުގަދައަށް ކުޅެމުންދިޔަ މާޒިޔާއިންވަނީ ފުރަތަމަ ހާފްގައި އިތުރު ފުރުސަތުތަކެއްވެސް ތަނަވަސް ކޮށްފައެވެ. އެގޮތުން އެޓީމުގެ ވިންސެންޓް ފޯވަޑް، ކޯނެލިއަސް ސްޓެވާޓާއި ދާދުއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވުނެވެ.
ދެވަނަ ހާފް ފެށުމުގެ ކުރިން ޔޫވީންވަނީ ދެ ބަދަލެއް ކޮށްފައެވެ. ފަހަތަށް ކުޅެމުންދިޔަ އިބްރާހީމް ނޫރައްދީންގެ ބަދަލުގައި އަހުމަދު ވަހީދު މުހައްމަދު ކުޅެން ނެރެފައިވާ އިރު، އެޓީމުގެ މެދަށް ކުޅެމުންދިޔަ ނާވީ މުހައްމަދުގެ ބަދަލުގައި ބްރެޒިލް މިޑްފީލްޑަރު ޕައުލޯ ހެލްބާވަނީ ކުޅުމަށް ނުކުމެފައި ވެއެވެ.

މާޒިޔާއާއި ޔޫވީ ވާދަކުރި މެޗުގެ ތެރެއިން: 4-0ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ މާޒިޔާ --- ސަން ފޮޓޯ
މެޗުގެ ދެވަނަ ހާފަށް ނުކުމެވެސް ވަރުގަދައަށް ކުޅުނީ މާޒިޔާއިންނެވެ. އެ ހާފްގައިވެސް މާޒިޔާވަނީ ގިނަ ހަމަލާތަކެއް އުފައްދައިފައެވެ.
މެޗުގައި ޔޫވީން އުފެއްދި ފުރަތަމަ ހަމަލާ ފެނިގެން ދިޔައީ ހާފްގެ ކުރީ ކޮޅުގައެވެ. ހުސައިން ސިމާޒް (ކޮކީ)، ހިލޭ ޖެހުމަކުން ކުރި ހުރަސް، މާޒިޔާގެ ކީޕަރު މައުރޯ ބޮއެރެޗިއޯ މަތަ ކުރި ނަމަވެސް، ރީބައުންސް ބޯޅަ ފޮނުވާލުމަށް ޔޫވީގެ ކުޅުންތެރިންނަށް ލިބެނެވެ. އެހެން ނަމަވެސް ޔޫވީގެ އަލީ ހައިޝަމް (ޗުމްޕު) ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.
މެޗުގެ 65 ވަނަ މިނެޓުގައި މާޒިޔާގެ ފޯވަޑް، ކޯނެލިއަސް ފޮނުވާލި ހަމަލާ ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައިވާ އިރު، އޭގެ ފަސް މިނެޓް ފަހުން މާޒިޔާވަނީ ލީޑު ފުޅާކޮށްފައެވެ.
ޔޫވީގެ އޭރިއާގެ އަރިމަތިން، ޑިފެންޑަރު ފަރުހާދު އިސްމާއީލް (ފަރޭ) ދާދުއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުން ސީދާ ގޯލަށް ފޮނުވާލީ މިލޯސް ކޮވަސެވިޗެވެ.
މާޒިޔާއިން ދެ ގޯލްގެ ލީޑެއް ނެގުމާއެކު، ޔޫވީގެ ޑިފެންސްގެ ފަރާތުން ފެނުނީ ވަރަށް ގިނަ މިސްޓޭކްތަކެއް ހެދިތަނެވެ. މިސްޓޭކްތަކުގެ ބޭނުން ހިފައި، މާޒިޔާއިންވަނީ ފުލުފުލުގައި ދެ ގޯލް ޖަހައިފައެވެ. މެޗުގެ 74 ވަނަ މިނެޓުގައި ކޯނެލިއަސްގެ ގޯލާއެކު މާޒިޔާއިން ނަތީޖާ 3-0އަކަށް ބަދަލުކޮށްލައިފައިވާ އިރު، އޭގެ ދެ މިނެޓް ފަހުން ދާދުވަނީ އިތުރު ގޯލަކާއެކު މެޗުގެ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީވެސް މާޒިޔާއަށް މޮޅު ކުޅުމެއް ދެއްކި ދާދުއެވެ.
މެޗުން މޮޅުވެ، މާޒިޔާ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބޭ އިރު، މާޒިޔާއަށް އެއްވަނަ ލިބެނީ ފައިދާ އެއް ގޯލުންނެވެ.
މެޗުން ބަލިވި ޔޫވީ، ލީގު ތާވަލުގެ ފަސް ވަނައިގައި އޮތީ ފަސް މެޗުން ހަ ޕޮއިންޓާ އެކުގައެވެ.
މާލޭ ލީގުގައި މިރޭ އޮންނާނީ ކްލަބު އީގަލްސްއާއި ޓީސީ ވާދަކުރާ މެޗެވެ. މިރޭގެ މެޗު ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އީގަލްސްއަށް އެބައޮތެވެ.