ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން 20،000ރ.ގެ ކޮމިޓީ އެލަވަންސް ނެގުމަށާއި ފާއިތުވި މަސްތަކުގެ ކޮމިޓީ އެލަވަންސް ގަނޑުކޮށް ނެގުމަށް ނިންމާފައިވާ ނިންމުމަކީ "އިންސާފުވެރި" ނިންމުމެއް ނޫން ކަމަށް ވިދާޅުވެ، އެކަމާ މެދު ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒް އެދިވަޑައިގެންފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިނާޒް މިއަދު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ބަދަލު ނުވެ، ސީރިއަސް ހާލަތެއްގައި އޮތް މިދަނޑުވަޅުގައި އެ އެލަވަންސް ނެގުމަށް މަޖިލީހުން ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ އިގުތިސާދު ވަރަށް ކްރިޓިކަލް ސިޓުއޭޝަނެއްގައި ]ސީރިއަސް ހާލަތެއްގައި[ މިއޮތީ. އެހެންވީމަ ސަރުކާރުން އިގުތިސާދު ރިފޯމް އެޖެންޑާ ހުށަހަޅައިފަ އޮތީ ވެސް. އެކަމަކު އެ ހާލަތަށް ބަދަލު ނައިސް، އަދި ހާއްސަކޮށް ވޭތުވެދިޔަ ތަނުގައި ލިބެން ޖެހޭ އެއްޗެއް ގޮތުގައި ގަނޑުކޮށް ]ކޮމިޓީ އެލަވަންސް[ ނެގުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އިންސާފުވެރި ގޮތެއް ނޫން. އަދި ދައުލަތުގެ އެހެން މުސާރަ ވެރިންގެ ކަންތައް އެހާލަތުގައި ހުއްޓައި އެއީ އެންމެ ރަނގަޅު ނިންމުމެއް ނޫން. އެހެންވީމަ، ކޮމިޓީ އެކަމުގައި ] ކޮމިޓީ އެލަވަންސް ދިނުމުގައި[ މަޖިލީހުން ދެވަނަ ވިސްނުމަކަށް ދިއުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ އެދުމެއް،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތަށް ބައްލަވައި، ގިނަ މެމްބަރުން އެލަވަންސް ނުނަންގަވާނެ ކަމާ މެދު ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް ކަމަށާއި މަޖިލީހުން އެވަރުގެ "ނާއިންސާފުވެރި" ކަމެއް ކުރާނެ ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށް އިނާޒް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ، 50 އާއި 75 ޕަސެންޓް ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް މަހަކު 10000ރ. އަދި 75 ޕަސެންޓަށް ވުރެ މަތީ ބޭފުޅުންނަށް 20،000ރ.ގެ އެލަވަންސެއް ދިނުމަށެވެ. ދެބައިކުޅަ އެއްބަ އަށް ވުރެ ގިނަ ބައްދަލުވުންތަކަށް ހާޒިރުވެ ވަޑައިނުގަންނަވާ މެމްބަރުންނަށް ކޮމިޓީ އެލަވަންސެއް ނުލިބޭނެ އެވެ.