ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕްގެ ގަދަ 16ގެ މެޗުތައް އިއްޔެ ފަށައިފައިވާ އިރު، އެލައިޑް އަދި އެޗްޑީސީންވެސް ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށްފިއެވެ.

އިއްޔެ ކުޅެފައިވަނީ ގަދަ 16ގެ ހަތަރު މެޗެކެވެ. ހަވީރު ކުޅުނު މެޗުތައް ކާމިޔާބުކޮށް، ތިލަފުށީ ކޯޕަރޭޝަނާއި ދިރާގުން ކުއާޓާއަށް ދަތުރުކޮށްފައިވާ އިރު، ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް އެލައިޑާއި އެޗްޑީސީންވެސްވަނީ ކުއާޓާގެ ޖާގަ ޔަގީންކޮށްފައެވެ.

އެލައިޑުން ރޭ އެފްއެސްއެމްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގައި އެލައިޑުގެ އައިރޫން އަހުމަދު ރަޝީދު ވަނީ ދެ ގޯލް ޖަހައިފައެވެ. އެލައިޑުގެ އަނެއް ތިން ގޯލް ކާމިޔާބުކޮށްދީފައި ވަނީ، އަލީ ލިރުއާމްގެ އިތުރުން އަބްދުﷲ ޒުފަރު މުހައްމަދު އަދި އަލީ ސިފާގު (ކައްޕި)އެވެ.

އެޗްޑީސީން ކުއާޓާގެ ޖާގަ ޔަގީންކުރީ ސްޓެލްކޯއާ ދެކޮޅަށް ކުޅުނު މެޗު، 3-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މެޗުގެ 15 ވަނަ މިނެޓުގައި އެޗްޑީސީއަށް ލީޑު ނަގައިދިނީ އަބްދުﷲ ޝާފިއުގެ ގޯލުންނެވެ. ދެވަނަ ހާފް ފެށިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި އަލީ ނަވާޒުގެ ގޯލުން ސްޓެލްކޯއިން ނަތީޖާ ހަމަހަމަކޮށްފައި ވާއިރު، ސްޓެލްކޯގެ ގޯލަށް ދެ މިނެޓުވެސް ނުވަނީސް މުހައްމަދު ސުޖާން އަހުމަދުގެ ގޯލުން އެޗްޑީސީ އަނެއްކާވެސް ލީޑު ނެގިއެވެ.

އެޗްޑީސީގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ އަބްރާހީމް މުބީން (މުއްކި)އެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ގަދަ16ގެ ހަތަރު މެޗު މިއަދުވެސް އޮންނާނެއެވެ.

މިއަދުގެ މެޗުތައް:

16:45 އުރީދޫ - ކަސްޓަމްސް

16:45 މޯލްޑިވިއަން - ޕޮލިސް ކްލަބު

20:30 ކްލަބު އެމްޓީސީސީ - ޔުނައިޓެޑް ބީއެމްއެލް

20:30 ޕްރިޒަން ރެކްރިއޭޝަން - އެމްޕީއެލް

މިއަހަރަކީ ކްލަބު މޯލްޑިވްސް ކަޕް މުބާރާތް މެދުކެނޑުމެއް ނެތި ބާއްވާތާ 13 ވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ފެށޭނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.