07 Apr 2018, 15:32
ކުއަލަލަމްޕޫރު (އޭޕްރިލް 7): މެލޭޝިއާގެ ގާނޫނު ހަދާ މަޖިލިސް އުވާލައި، އެގައުމުގެ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މިއަދު އެކަން އަންގައިފިއެވެ.
އީސީގެ ޗެއާމަން ޓަން ސްރީ މުހައްމަދު ހާޝިމް އަބްދުﷲ ވިދާޅުވި ގޮތުގައި މަޖިލިސް އުވާލިކަމުގެ ނޯޓިސް އެކޮމިޝަނަށް ދެއްވީ މަޖިލީހުގެ ތިރީގޭގެ ރައީސެވެ.
މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދައުރު ހަމަވާން ދެ މަހަށް ވެފައި ވަނިކޮށް، ް ބޮޑުވަޒީރު ނަޖީބު ތުން ރައްޒާގު އިއުލާން ކުރެއްވީ އިއްޔެއެވެ.
މެލޭޝިއާގެ 13 ވަނަ ޕާލަމެންޓުގެ ދައުރު ހަމަވަނީ ޖޫން 24 އަށެވެ. އެގައުމުގެ ގާނޫނުތައް ބުނާ ގޮތުން، ގާނޫނު ހަދާ މަޖިލީސް އުވޭތާ 60 ދުވަސް ތެރޭގައި އިންތިޚާބު ބާއްވަން ޖެހެއެވެ. އެހެންކަމުން މިއަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހުގެ ކުރިން އެގައުމުގައި އާންމު އިންތިޚާބު ބާއްވަން ޖެހޭނެއެވެ.
އަދި އެއިންތިހާބު ބާއްވާ ތާރީހު އީސީން މިއަދު އިއުލާން ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާ ކުރި ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު ބާއްވާ ތާރީހު އިއުލާން ކުރާނީ ހުރިހާ ސްޓޭޓެއްގެ ގާނޫނު ހަދާ މަޖިލިސް އުވާލި ކަމުގެ ނޯޓިސް ލިބުމުން ކަމަށް ބުނެފައި އެވެ. އަދި އެކޮމިޝަނަށް މިހާތަނަށް ފަސް ސްޓޭޓެއްގެ މަޖިލިސް އުވާލިކަން އަންގާފައިވާ ކަމަށް އީސީގެ ޗެއާމަން ވިދާޅުވި އެވެ.
ބޮޑުވަޒީރު ނަޖީބު ވަނީ ކުރިއަށް އޮތް އިންތިހާބުގައި ވެރިކަން ކުރާ ބަރިސަން ނޭޝަނަލް އިއްތިހާދަށް ކާމިޔާބީ ލިބިއްޖެ ނަމަ، މިހާރަށް ވުރެ މާ ރަނގަޅު ބަދަލުތަކެއް ގެނެސްދޭނެކަމަށް ވައުދުވެވަޑައިގެންފައި އެވެ.
އެއިންތިހާބުގައި ބޮޑުވަޒީރުގެ އިއްތިހާދާ ވާދަ ކުރާނެ ކަމަށް ބެލެވޭ، ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދުގެ ޕްރީބޫމީ ބެރްސާތޫ މެލޭޝިއާ (ބެރްސާތޫ) ޕާޓީ ވަނީ މިދިޔަ ބުރާސްފަތި ދުވަހު އުވާލާފައި އެވެ.
މެލޭޝިއާގެ ރެޖިސްޓްރާ އޮފް ސޮސައިޓީސްއިން ބުނި ގޮތުގައި އެޕާޓީ އުވާލީ ބައެއް ލިޔެކިޔުންތައް ހުށަހެޅުމަށް އެޕާޓީއަށް ދިން 30 ދުވަހުގެ މުހުލަތެއް ހަމަވެފައިވާ އިރު، އެ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާތީ އެވެ. (ސްޓާއޮންލައިން)