07 Apr 2018, 15:31
ދެ ފުއްލާ ޝިކާރަކުރި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ބުރާސްފަތި ދުވަހު ހުކުމް ކުރި ބޮލީވުޑުގެ ތަރި ސަލްމާން ޚާން ކަފާލާތުގެ ދަށުން މިއަދު މިނިވަން ކޮށްފިއެވެ.
ޖޯދްޕޫރުގެ ޑިސްޓްރިކްޓް ކޯޓާއި ސެޝަން ކޯޓުން ސަލްމާނުގެ ކަފާލާތުގެ އަޑުއެހުމަށްފަހު އޭނާ މިނިވަން ކުރަން ހުކުމް ކުރުމަށް ސަލްމާނުގެ ސަޕޯޓަރުން ދަނީ އުފާ ފާޅުކުރަމުންނެވެ.
ދެ ރޭ ޖަލުގައި ހޭދަކުރުމަށްފަހު ކަފާލާތުގެ ދަށުން ސަލްމާނު މިއަދު މެންދުރުފަހު މިނިވަން ވީއިރު ކަފާލާތުގެ ފައިސާގެ ގޮތުގައި އޭނާ ދައްކަން ޖެހުނީ 50،000 އިންޑިއާ ރުޕިސްއެވެ.
ކަފާލާތުގެ ދަށުން ސަލްމާނު މިނިވަން ކުރި އިރު އޭނާގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ވަނީ މަތީ ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ މީގެ 20 އަހަރު ކުރިން 1998 ވަނަ އަހަރު "ހަމް ސާތު ސާތު ހޭ"ގެ މަސައްކަތް ކުރިއަށް ދިޔައިރުއެވެ. އެ ހާދިސާގައި ސަލްމާނުގެ އިތުރުން ފިލްމުގެ އިތުރު ކާސްޓުން ކަމަށްވާ ސައިފް އަލީ ޚާން އާއި ނީލަމް، ތާބޫ، ސޮނާލީ ބެންޑްރީ އަދި ދުޝްޔަންތު ސިންހްގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފައެވެ.
ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.
ސަލްމާނުގެ މައްޗަށް ދައުވާކުރީ ވައިލްޑް ލައިފް ޕްރޮޓެކްޝަން އެކްޓުގެ 51 ވަނަ މާއްދާގެ ދަށުންނެވެ. އެ މައްސަލާގައި އެންމެ ބޮޑު އަދަބަކީ ހަ އަހަރުގެ ޖަލު ހުކުމެކެވެ.
މީގެ ކުރިން މި މައްސަލާގައި ސަލްމާންގެ މައްޗަށް އެހެން ދައުވާއެއްވެސް ކޮށްފައިވެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް ކޮށްފައި ވަނީ ޖަނަވާރު ޝިކާރައަށް ގޮސް އެ ދެ ކަޅު ފުއްލާ މަރާލުމަށް މަނާ ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރި ދައުވާ އެވެ.
އެ މައްސަލަ ސާބިތުވާވަރަށް ސަލްމާން އާ ދެކޮޅަށް ހެކި ހުށަހެޅާފައިނުވާތީ އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.