ސައޮ ޕައުލޯ (އޭޕްރިލް 7): ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ ފުލުހުންނާ ހަވާލުވާން ކޯޓުން ދިން މުހުލަތު ފަހަނައަޅާ ދިޔަ ނަމަވެސް އަމިއްލައަށް ފުލުހުންނާ ހަވާލުވުމަށް ހައްދަވައިފިއެވެ.

ބްރެޒިލްގެ މީޑިއާތަކުގައިވާ ގޮތުން ލޫލާ މިވަގުތު ހުންނެވީ ސައޮ ޕައުލޯގެ މެޓަލް ވޯކާސް ޔޫނިއަން ބިލްޑިންގުގައެވެ. އަދި އޭނާއަށް ތާއިދުކުރާ ގިނަ އަދަދެއްގެ މީހުން ވަނީ އެއިމާރާތް ކައިރިއަށް އެއްވެފައެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ލޫލާގެ ވަކީލުން ދަނީ އޭނާ ފުލުހުންނާ ހަވާލުވުމާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުންނެވެ.

އިއްޔެ ބްރެޒިލް ގަޑިން 17:00ގެ ކުރިން ލޫލާ ފުލުހުންނާ ހަވާލުވާން މުހުލަތު ދިނީ އޭނާގެ މައްޗަށް ކުރި 12 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ލަސް ނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

މިދިޔަ އަހަރު ލޫލާ ޖަލަށް ލާން ހުކުމް ކުރީ ދައުލަތުގެ ތެޔޮ ކުންފުނި ޕެޓްރޯބްރާސްގެ ކޮންޓްރެކްޓެއް ކާމިޔާބު ކުރުމަށް އިންޖިނިއަރިން ކުންފުންޏަކުން ދިން ރިޝްވަތު ގަބޫލު ކުރެއްވިކަން ސާބިތުވުމުންނެވެ. އަދި އެމައްސަލައިގައި އޭނާގެ މައްޗަށް ފުރަތަމަ ކުރީ ނުވަ އަހަރާއި ބައިގެ ޖަލު ހުކުމެއް ނަމަވެސް އިސްތިއުނާފު ކޯޓަކުން ވަނީ އެހުކުމް 12 އަހަރަށް އިތުރުކޮށްފައެވެ.

ބްރެޒިލްގެ ރައީސްކަން 2003 ވަނަ އަހަރުން 2011 އަށް ކުރެއްވި ލޫލާ ވަނީ އަންނަ އޮކްޓޯބަރު މަހު އެގައުމުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ބްރެޒިލްގެ ގާނޫނު އަސާސީގައިވާ ގޮތުން ކުށެއް ސާބިތުވެ ހުކުމެއްކޮށްފައިވާ އަދި އިސްތިއުނާފު ކޯޓަކުން އެހުކުމް ދަމަހައްޓާފައިވާ މީހަކަށް އިންތިހާބީ މަގާމަކަށް ވާދަ ނުކުރެވޭނެ އެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ފަހު ނިންމުން ނިންމާނީ އެގައުމުގެ ސުޕީރިއާ އިލެކްޓޯރަލް ކޯޓު (ޓީއެސްއީ)އިންނެވެ.

އެކޯޓުން ލޫލާއަށް ބްރެޒިލްގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެކަން ނުވަތަ ނޫންކަން ބުނާނީ އޭނާ އަންނަ އޮގަސްޓު މަހުގެ 15ގެ ކުރިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރެޖިސްޓާ ކުރުމުންނެވެ.

(އަލްޖަޒީރާ)