07 Apr 2018, 10:44
ގއ. މާމެންދޫ ފަޅުތެރެއިން އެރަށުގެ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް "ސަން"އަށް ވިދާޅުވީ، އެރަށު މޫންލައިޓްވިލާ، މުހައްމަދު ނާޝިދު ކިޔާ، އުމުރުން 39 އަހަރުގެ މީހާ މަރުވެފައި އޮއްވާ ފެނުނީ އެރަށުގެ ނެރާ ދިމާލުން ފަޅުތެރެއިން ކަމަށެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އޭނާ މަރުވެފައި އޮއްވާ ފެނުނީ އެރަށުގެ އާންމު ރައްޔިތަކަށް ކަމަށާއި އޭނާ އެކަން ފުލުހުންނަށް އެންގި ކަމަށެވެ.
ޒައީމް ވިދާޅުވި ގޮތުގައި، ނާޝިދުގެ ހަށިގަނޑު ނެގީ މާމެންދޫ ފުލުހުންނެވެ. އަދި އެ އަތޮޅު ވިލިނގިލިން ފުލުހުންގެ ޓީމެއް އައިސް، ވިލިނގިލީ ހޮސްޕިޓަލަށް ހަށިގަނޑު މިހާރު ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، މާމެންދޫ ފަޅުތެރެއިން 39 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ ފެނުނު ކަމަށް މިއަދު ހެނދުނު 9:15 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި އެ ހާދިސާ ހިނގައިދިޔަ ގޮތް ފުލުހުން ބަލަމުންދާ ކަމަށެވެ.