28 Aug 2011, 16:29
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަކަރާއި ހީލަތް ހެދި މައްސަލައިގެ ޝަރީއަތަށް ނޫސްވެރިން ނުދެއްވީ ބައެއް ނޫސްވެރިންގެ ސަބަބުން ކޯޓާ މެދު ނުބައި ތަސައްވަރެއް އުފެދިގެންދާތީ ކަމަށް ކްރިމިނަލް ކޯޓުން ބުނުމަށް، ނޫސްވެރިންގެ ދިފާއުގައި މީޑިއާ ކައުންސިލުން ނޫސްބަޔާނެއް މިއަދު ނެރެފި އެވެ.
މީޑިއާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެގައި ބުނެފައި ވަނީ ކޯޓާ މެދު ނުބައި ތަސައްވަރު އުފެދެން ދިމާވަނީ ނޫސްވެރިންނާ މެދު ކޯޓުން ކުރާ ނޭދެވޭ ކަންތައްތަކުގެ ސަބަބުން ކަމަށެވެ. އަދި ނޫސްވެރިންގެ ސަބަބުން ކޯޓާ މެދު ނުބައި ތަސައްވަރެއް އުފެދިގެންދާ ކަމަށް ކްރިމިނަލް ކޯޓުން ބުނުމަކީ ޝަރީއަތުގެ އަޑު އެހުމަށް ނޫސްވެރިން ނުވެއްދުމުގެ އުޒުރެއް ނޫން ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ. އަދި ޝަރީއަތުގެ މަޖިލީހަށް ވަނުމުގެ އެއްވެސް ފުރުސަތެއް ނޫސްވެރިއަކަށް ނުލިބުމަކީ ގާނޫނު އަސާސީން ކަވަރުކޮށްދީފައިވާ ނޫސްވެރިކަމަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ބުނެފައިވެ އެވެ.
"ކަންހިނގާފައިވާ ގޮތަށް ބަލާއިރު ފުރަތަމަ ޝަރީއަތް ބާއްވަން ހަމަޖެހިފައިވާ ގަޑި ކުރިން އެންމގުމަކާއި ނުލައި އަވަސްކުރުމާއި އަދި އެކަށީގެންވާ ސާފު އުޒުރެއް ބަޔާންކުރުމަކާއި ނުލައި، ޝަރީއަތުގެ މައުލޫމާތު ހޯދުމުން ނޫސްވެރިން މަހުރޫމު ކުރުމަކީ ތިންބާރު ވަކިކޮށް ޝަރުއީދާއިރާ ހަރުދަނާ ގޮތެއްގައި ބިނާ ކުރުމަށް މަސައްކަތްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ޝަރުއީދާރިރާއާ މެދު ފުރިހަމަ އުތުބާރެއް އުފެއްދުމަށް ކުރިމަތިވި ހުރަހެއް ކަމުގައި މި ކައުންސިލުން ދެކެމެވެ." މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނާޒިމްގެ ޝަރީއަތަށް ނޫސްވެރިން ނުވެއްދުމުން އެކަމަށް ފާޑު ކިޔައި މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނަނީ ނޫސްވެރިން ކުރަމުންދާ އެންމެހާ މސައްކަތަކަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ވެސް އެއްބާރުލުން ދިނުމަކީ ޒަމާނީ ދައުލަރަކަށްޓަކައި ރައްޔިތުން ކުރަމުންދާ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭނެ އެއްވެސް އަމަލެއް ނުހިންގުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް މި ކައުންސިލް ފަރާތުން އިލްތިމާސްކުރަމެވެ.
ދައުލަތުން ނާޒިމުގެ މައްޗަށް އުފުލާ ދެ ދައުވާގެ އަޑުއެހުން މިދިޔަ ބުރާސްފަތި ދުވަހު ބާއްވާފައި ވަނީ ވަކި ދެ މަޖިލީހެއްގައި މައްސަލައިގެ ޝަރީއަތް ހިންގާ ގަޑި ބަދަލު ކޮށްގެނެވެ. މައްސަލައިގެ ޝަރީއަތް ކަވަރު ކުރުމަށް އެދުވަހު ހެނދުނުއްސުރެ ކޯޓްގައި ރަޖިސްޓަރީވެފައިވާ އެއްވެސް ނޫސްވެރިޔަކަށް ޝަރީއަތުގެ ވަގުތައް ބަދަލު ކުރިކަން ކްރިމިނަލް ކޯޓުން އަންގާފައެއް ނުވެ އެވެ. ނާޒިމްގެ މައްސަލަ ކުރިޔަށް ގެންގޮސްފައި ވަނީ އެ މައްސަލަ ފަށާނެ ކަމަށް ކޯޓް ޝެޑިއުލްގައި އިއުލާންކޮށްފައިވާ ގަޑިއަށް ވުރެ އެއް ގަޑިއިރު ކުރިން ނެވެ. ކޯޓް ޝެޑިއުލްގައި އޮތީ މައްސަލަ ފަށާނީ 12:00 ޖަހާއިރު ކަމަށެވެ. ނަމަވެސް މައްސަލަ ހިންގީ އޭގެ އެއްގަޑި އިރު ކުރިން، 11:00 ޖެހި އިރު އެވެ.