ރައީސް އަބްދުﷲ ޔާމީނަކީ ދިވެހީންގެ އުސޫލުތަކުގެ ހުރުމަތް ކަނޑާލަން އެކި މީހުން ކުރާ މަސައްކަތްތަކާ ކުރިމަތިލާން ކެރޭ، ހިތްވަރުގަދަ ލީޑަރެއް ކަމަށާއި، މުޅި ދުނިޔެއަށް އެމަނިކުފާނު ހާމަކޮށްދެއްވަމުން ގެންދަވަނީ އެމަނިކުފާނުގެ ހިތްވަރުފުޅު ގަދަކަން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ލ. ގަމުގައި ބޭއްވި "މި ތިބޫ ރައީސް ޔާމީނާއެކު" ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ޒަމާނުއްސުރެ ދިވެހީން ގަބޫލުކުރަމުން އަންނަ އުސޫލުތަކާއި ދިވެހީން ގަބޫލުކުރަމުން އަންނަ ދީނަށް ފާޑުކިޔައި، ދީނުގެ ހުރުމަތް ކަނޑާލަން ބަޔަކު ކުރަމުން އަންނަ މަސައްކަތްތަކާ ދެކޮޅަށް ކުރިމަތިލާން ކެރޭ ވެރިއެއް ކަމަށެވެ.

އެފަދަ ވެރިއަކު ރާއްޖޭގައި ހުރުމުންް ދޭހަވަނީ ދިވެހީންގެ ހިތްވަރުގަދަކަން ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންގެ ހައްގުގައި މުޅި ދުނިޔެއަށް ރައީސް ޔާމީނު ދެއްވާ މެސެޖަކީ އެމަނިކުފާނަކީ ހިތްވަރުފުޅުގަދަ ވެރިއެއްކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދިވެހިން އެތައް ޒަމާނެއްގައި ބުނެދިން އެއްވާހަކައަކީ ދިވެހިންނަކީ ހިތްވަރުގަދަ ބައެކޭ، ކަނޑު ކިތަންމެ ގަދަވިޔަސް، ވައި ކިތަންމެ ބާރުވިޔަސް އުނދަގޫތަކާ ދުއްތުރާތައް ގަދަވިޔަސް ތިމަންނާމެންނަކީ މި ކަނޑުގައި ދަތުރުކުރާނެ ހިތްވަރުގަދަ ބައެކޭ،" ސައީދު ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާވަށު ދާއިރާގެ މެންބަރު އަޒްހާން ފަހުމީ ވިދާޅުވީ، ރައީސްކަން ކުރުމަކީ ކުޅޭ ކުޅިވަރެއް ނޫންކަމަށާއި ރައީސްއަކަށް ވާ ބޭފުޅެއްގެ ކިބައިގައި ލީޑަރެއްގެ ސިފަތަކާއި ވިސްނުން ހުންނަންޖެހޭނެ ކަމަށެވެ.

ގައުމުގެ ވެރިޔަކަށް އަންނަ ލީޑަރަކު ވާންވާނީ ގައުމަށް ރައްޔިތުންނަށް ތަރައްގީއާއި ފާގަތިކަން ގެނެސްދޭ ލީޑަރަކަށް ކަމަށްވެސް އަޒްހާން ވިދާޅުވިއެވެ.