07 Apr 2018, 00:16
އެސްޓީއޯ މާލޭ ލީގުގައި ފަހަތުންއަރައި ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން މުހިއްމު މޮޅެއް ހޯދައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ވިކްޓަރީ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފް، ގްރީނުން 1-0ގެ ނަތީޖާއަކުން ކުރީގައި އޮވެ ނިންމާލި ނަމަވެސް، ވިކްޓަރީންވަނީ ފަހު ހާފްގައި ދެ ގޯލް ޖަހައި، މެޗުގެ ނަތީޖާ އަނބުރާލައިފައެވެ.
އެސްޓީއޯ މާލޭ ލީގުގައި ގްރީން ސްޓްރީޓްސްއާއި ވިކްޓަރީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީވިކްޓަރީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ގްރީނުން މެޗު ފެށީ ވަރުގަދަކޮށެވެ. މެޗުގެ އަށްވަނަ މިނެޓުގައި ގްރީނުންވަނީ މެޗުގެ ލީޑުވެސް ނަގައިފައެވެ. އެޓީމުގެ ޔުކުރެއިން މިޑްފީލްޑަރު ސޮބުލް އިލިޔާ ޖަހައިދިން ގޯލާއެކު ލީޑުގައި، ގްރީނުން ވަނީ ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ.
މެޗުގެ ފުރަތަމަ ހާފްގެ 39 ވަނަ މިނެޓުގައި ގްރީންގެ އަރިމަތިން ކުރިއަށް ކުޅެމުންދިޔައި މުހައްމަދު ރިޝްވާން (ފުކޭ)އަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ކުޅެން ނެރެފައި ވަނީ އަހުމަދު ރިލުވާނެއެވެ. ފުކޭ ފާހަގަ ކުރެވިފައިވަނީ ގްރީންއަށް މި ސީޒަންގައި މޮޅަށް ކުޅެމުން އަންނަ ކުޅުންތެރިއެއްގެ ގޮތުގައެވެ.
އެސްޓީއޯ މާލޭ ލީގުގައި ގްރީން ސްޓްރީޓްސްއާއި ވިކްޓަރީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީވިކްޓަރީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ފުރަތަމަ ހާފް 1-0ގެ ނަތީޖާއަކުން ގްރީން ކުރީގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފަށް ނުކުމެ ވިކްޓަރީން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ހާއްސަކޮށް އެޓީމުގެ ކުރިއަށް ކުޅެމުންދިޔަ ޕެޑްރޯ ހެންރިކޭގެ ކުޅުން ފާހަގަކޮށްލެވުނެވެ. މެޗުގެ 60 ވަނަ މިނެޓުގައި ގްރީންގެ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ، އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.
ދެވަނަ ހާފްގައި ރަނގަޅަށް ކުޅެމުންދިޔަ ވިކްޓަރީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 63 ވަނަ މިނެޓުގައެވެ. ގްރީންގެ އޭރިއާ ކަނާތް ފަޅިން ލިބުނު ހިލޭ ޖެހުމަކުން ވިކްޓަރީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސްޕެއިންގެ މިޑްފީލްޑަރު އެންހާލް ކަރެސްކޯ މުނޯޒެވެ. މުނޯޒްގެ ހިލޭޖެހުން ގޯލްގެ ތެރެއަށްވަނީ ގްރީންގެ ކީޕަރު ސާގީ ސްމޮދޮރިންގެ އަތު ތެރެއިން ކައްސައިލައިގެން ގޮހެވެ.
ނަތީޖާ ހަމަހަމަ ކުރުމަށްފަހު ވިކްޓަރީން ވަނީ ކުރިއަށް ޖެހި ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ. އަދި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅެމުން ފެނިގެން ދަނިކޮށް، މެޗުގެ 86 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް އިބްރާހީމް ހަމްދާން (މެސީ)ގެ ހުރަސް، ގްރީންގެ ގޯލްގެ ކަނަށް ވަރަށް ރީތިކޮށް އަމާޒުކޮށްލައިގެން އެޓީމަށް ލީޑު ނަގައިދިނީ އާދަމް އިޝާން (ސަން) އެވެ.
މެޗު ނިމެން ދަނިކޮށް ގްރީންއަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް، އިބްރާހީމް ޝަފްރާޒަށް ލިބުނު ފުރުސަތުގެ ހުރަހަކަށްވީ ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާނެވެ.
އެސްޓީއޯ މާލޭ ލީގުގައި ގްރީން ސްޓްރީޓްސްއާއި ވިކްޓަރީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީވިކްޓަރީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗު ނިމެންދަނިކޮށް ގްރީންގެ ޑިފެންޑަރު މުހައްމަދު ސާއިފްއަށް ރެފްރީވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފައެވެ.
މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިކްޓަރީގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން މުނޯޒެވެ.
މޮޅާއެކު ވިކްޓަރީވަނީ ލީގު ތާވަލުގެ ފަސް ވަނައަށް ޖެހިލައިފައެވެ. ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު ވިކްޓަރީ ފަސްވަނައިގައި އޮތްއިރު، މިރޭގެ މެޗުން ބަލިވި ގްރީން އޮތީ ހަ ވަނައިގައެވެ. އެޓީމު ކުޅުނު ފަސް މެޗުން ލިބެނީ ފަސް ޕޮއިންޓެވެ.
މާލޭ ލީގުގެ ދެ މެޗު މާދަމާ އޮންނާނެއެވެ. މާދަމާ ހަވީރު އޮންނަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ވާދަކުރާ އިރު، މާދަމާ ރޭގެ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސްއެވެ.