މިހާރު ޖަޕާނުގެ ޓޯކްޔޯގައި ކުރިއަށްދާ މެރިން ޑައިވިންގް ފެއާގައި، ދިވެހިރާއްޖެއަށް ޚާއްސަ ދެ އެވޯޑެއް ލިބިއްޖެއެވެ.

އިއްޔެ ފެށި މި ފެއާގައި ރާއްޖެއަށް ލިބުނީ، ޖަޕާނު ރައްޔިތުންނަށް އެންމެ ކަމުދާ އޯވަސީސް ޑެސްޓިނޭޝަނުގެ އެވޯޑާއި، ޖަޕާނު ރައްޔިތުންނަށް ދެވަނައަށް އެންމެ ކަމުދާ ޑައިވް ޑެސްޓިނޭޝަންގެ އެވޯޑެވެ.

މި އެވޯޑުތައް ދިނީ މެރިން އާޓްސް ސެންޓާ އޮފް ޖަޕާނުންނެވެ. އެ އެވޯޑުތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑާއިގަތީ ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ޝާޖް ޑެފެއާޒް އާދަމް ހާމިދެވެ.

މި އެވޯޑު ދިވެހިރާއްޖެއަށް ލިބުނީ އިއްޔެ ޖަޕާނުގެ ވެރިރަށް ޓޯކްޔޯގައި އިއްޔެ ފެށި "މެރިން ޑައިވިންގް ފެއާ 2018"ގައެވެ.

މިއަހަރަކީ މެރިން ޑައިވް ފެއާ ބާއްވަމުން އަންނަތާ 26 ވަނަ އަހަރެވެ. އަދި އެ ފެއާއަކީ ޖަޕާނުގައި ބާއްވާ އެންމެ ބޮޑު އެއް ފެއާއެވެ. ފާއިތުވި 10 އަހަރުގައި ރާއްޖެއިން ވަނީ އެ ފެއާގައި ބައިވެރިވެ ޖަޕަނީޒް މީހުން އެންމެ ދާހިތްވާ މަންޒިލް އަދި ޑައިވްކުރަން އެންމެ ދާހިތްވާ މަންޒިލްގެ އެވޯޑް ހާސިލްކޮށްފައެވެ.