28 Aug 2011, 16:20
ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކުޅުންތެރިން ހިންގަމުންދިޔަ ހަޅުތާލުތައް ހުއްޓާލުމާއި ގުޅިގެން ސްޕެނިޝް ލަލީގާގެ ސީޒަން ރޭ ފަށައިފި އެވެ.
ސޮލްޑާޑޯގެ ފަހު ލަނޑުތަކާއި ހެދި ވެލެންސިއާ އަށް ތިން ޕޮއިންޓް ލިބިނުއިރު ރޭސިންގް ސަންޓަންޑާ ސީޒަން ފަށާފައިވަނީ ނާކާމިޔާބީ އަކާ އެކު އެވެ.
މެޗުގައި ހެޓްރިކެއް ހެދި ސްޕެއިންގެ ފޯވާޑް ރޮބާޓޯ ސޮލްޑާޑޯ ފުރަތަމަ ލަނޑު ޖެހީ އެއްވަނަ މިނެޓް ގައެވެ. މިލަނޑަށްފަހު އޭގެ ފަސްމިނެޓު ފަހުން ސޮލްޑާޑޯ އަތުން ބައިކޮޅަށް ލަނޑެއް ވަދެފައި ވެއެވެ.
މިލަނޑުގެ ސަބަބުން މެޗްގެ ނަތީޖާ ހަމަހަމަވެގެން ދިޔައެވެ. މެޗުގެ ސާދަ ވަނަ މިނެޓުގައި ލޯތާރީ އެކޮސްޓާ ސަންޓަންޑާ އަށް ލަނޑެއް ކާމިޔާބުކޮށްދީ ފުރަތަމަ ފަހަރަށް އެޓީމަށް ލީޑް ހޯދައިދިނެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 2-1 ލަނޑުން ސަންޓަންޑާ ކުރީގައި އޮވެގެންނެވެ.
މެޗްގެ ދެވަނަ ހާފަށް ވެލެންސިއާއިން ކުޅެން ނުކުތީ ދެ ބަދަލާއެކު އެވެ. ދެ ބަދަލު ގެނެސްފައި ވަނީ އެޓީމުގެ ފަހަތަށާއި ކުރިއަށެވެ. ވެލެންސިއާ އިން މޮޅު ކުޅުމެއް ދައްކާ ސަންޓަންޑާގެ ގޯލަށް ނުރައްކާ ކުރަމުން ދަނިކޮށް މެޗްގެ 56 ވަނަ މިނެޓުގައި ސަންޓަންޑާއިން އެޓީމުގެ ތިންވަނަ ލަނޑުޖަހާ ލީޑް ވަނީ ފުޅާކޮށްފަ އެވެ.
އެޑްރިއާން ގޮންޒާލޭޒް ސަންޓަންޑާއަށް ލީޑްފުޅާ ކޮށްދިންތާ މިނެޓެއް ނުވަނީސް އަދިލް ރަމީ ވެލެންސިއާ އަށް ލަނޑެއް ކާމިޔާބުކޮށްދީ ވަނީ ސަންޓަންޑާއިން ހިފަހައްޓަމުންދިޔަ ލީޑު ހަނިކޮށްފަ އެވެ.
މެޗުގައި މޮޅު ކުޅުމެއް ދައްކަމުން އައި ވެލެންސިއާގެ ކެޕްޓަން ސޮލްޑާޑޯ ވަނީ ތިންމިނެޓު ތެރޭ ދެލަނޑު ކާމިޔާބުކޮށް ވެލެންސިއާ އަށް ލީޑް ހޯދައިދީފަ އެވެ. ސޮލްޑާޑޯ މެޗްގައި ޖެހި ދެވަނަ ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު ހެޓްރިކް ފުރިހަމަކުރި ލަނޑު އޭނާ ކާމިޔާބުކުރީ 90 މިނެޓު ހަމަވި ފަހުންނެވެ.
މިމެޗު ނިމިގެންދިޔައީ 3-4 ލަނޑުން ވެލެންސިއާ ކުރީގައި އޮވެގެންނެވެ.
ސްޕެނިޝް ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސްޕޯޓިންގް އަތުން ރެއާލް ސޮސިއެޑާޑް މޮޅުވީ 2-1 ލަނޑުންނެވެ. އަދި ގްރެނާން އަތުން ރެއާލް ބެޓިސް މޮޅުވެފައިވަނީ 1-0 ލަނޑުންނެވެ.
ސްޕެނިޝް ލަލީގާގައި މިރޭވެސް ފޯރިގަދަ މެޗެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. ރާއްޖޭ ގަޑިން މިރޭ 11:00 ގައި ރެއާލް ޒަރަގޯޒާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭނެއެވެ.