06 Apr 2018, 18:19
ކޭޕް ޓައުން (އޭޕްރިލް 6): ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކަބް ޒޫމާގެ މައްޗަށް ކޮރަޕްޝަނާ ގުޅުން ހުރި 16 ދައުވާއެއް އުފުލައިފި އެވެ.
ޒޫމާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރީ 1990އިގެ އަހަރުތަކުގައި ހަތިޔާރު ގަތުމަށް ހެދި އެއްބަސްވުމެއްގައި ރިޝްވަތު ނެންގެވުމުގެ ތުހުމަތުގައި އެވެ. އޭރު އޭނާ ހުންނެވީ ގައުމުގެ ނައިބު ރައީސްގެ މަގާމުގައި އެވެ.
މީގެ ކުރިންވެސް ސައުތް އެފްރިކާގެ ނެޝަނަލް ޕްރޮސެކިއުޓިން އޮތޯރިޓީން ވަނީ ޒޫމާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްފައި އެވެ. ނަމަވެސް 2009 ވަނަ އަހަރު ޒޫމާ ވެރިކަމަށް ވަޑައިގެތުމުގެ ކުރިން އެދައުވާތައް ވަނީ އަނބުރާ ގެންގޮސްފައި އެވެ.
މިދިޔަ ފެބްރުއަރީ މަހު ޒޫމާ ރައީސްކަމުން އިސްތިއުފާ ދެއްވީ އޭނާގެ ޕާޓީ، އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ)ން އެކަމަށް ޕްރެޝަރު ކުރަމުން ދިޔުމުގެ ސަބަބުންނެވެ. (ބީބީސީ)