06 Apr 2018, 18:34
ޕެރިސް (އެޕްރީލް 6): ހިތް ހުއްޓިފައި އޮތް މީހެއްގެ ހިތް، 18 ގަޑީއިރަށްފަހު އަލުން މަސައްކަތްކުރަން ފެށުމާގުޅިގެން ހަނިގޮތަކަށް އޭނާގެ ފުރާނަ ސަލާމަތްވެއްޖެއެވެ.
ފަރަންސޭސި ރައްޔިތެއްކަމަށްވާ އެބަލިމީހާ ގެ ފުރާނަ 18 ގަޑިއިރަށްފަހު ސަލާމަތްވުމަކީ މުއުޖިޒާތެއް ފަދަ ކަމެއް ކަމަށް ފަރަންސޭސި ޑޮކްޓަރުންވަނީ ސިފަކޮށްފައެވެ. 53 އަހަރުގެ އެމީހާއަށް ހާޓް އެޓޭކެއް ޖެހުމާއެކު ހޮސްޕިޓަލަށް ގުޅުމުން ހޮސްޕިޓަލުން ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް އެންބިއުލަންސްގައި އައިސް އެމީހާގެ ހިތް އަލުން މަސައްކަތްކުރޭތޯ ގިނަ މަސައްކަތްތަކެއްކޮށްގެންވެސް އެކަން ނުވުމުން އެންބިއުލަންސްގައި އެމީހާ ގެންދިޔައީ ހޮސްޕިޓަލަށެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު އެމީހާ އޮތީ ހޭނެތިފައެވެ. ހިތް މަސައްކަތް ނުކުރުމުން އޭނާގެ ހަށިގަނޑުގެ ކަންކޮޅުތަކަށް ލޭ ފޮނުވީ މެޝިނެއްގެ އެހީގައެވެ. އަދި ނޭވާލެއްވީވެސް މެޝިނެއްގެ އެހީގައެވެ. އެއީ ފުރާނަ ސަލާމަތް ކުރުމަށްޓަކައެވެ. އެގޮތަށް އެމީހާ އޮތްނަތާ 18 ގަޑިއިރުފަހުން ކުއްލިގޮތަކަށް އެމީހާގެ ހަށިގަނޑުގެ ފިނިހޫނުމިން 22 ޑިގްރީ ސެލްސިއަސް އަށް ދަށަށްދިޔައެވެ. ނަމަވެސް މެޝިނެއްގެ އެހީގައި އެމީހާގެ ހަށިގަނޑުގެ ފިނި ހޫނުމިން އަލުން 32 ޑިގްރީއަށް މަތިކުރުމަށްފަހު ކަރަންޓް ބޭނުންކޮށްގެން އަލުން ހިތަށް ޝޮކްތަކެއް ދިނުމުން، ކުއްލި ގޮތަކަށް އެމީހާގެ ހިތް އަލުން ހިނގަން ފެށިއެވެ. ނަމަވެސް އެއީ ހިތް އެއްކޮށް ހުއްޓިފައޮ އޮންނަތާ 18 ގަޑިއިރަށްވުރެ ފަހުންނެވެ.
ހިތް އަލުން ހިނގަން ފެށުމާއެކު އެމީހާގެ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއްވެސް ރަނގަނޅަށް މަސައްކަތްކުރަންފެށިއެވެ. އަދި ހޭއެރިއެވެ. އެއަށްފަހު މެޝިންތައް ނައްޓާލިއެވެ. މިއީ ވަރަށް މަދުން ނޫނީ ދިމާވެދާނެ ގޮތެއްނޫން ކަމަށް އެމީހާއަށް ފަރުވާދިން ފަރަންސޭސި ޑޮކްޓަރުން ހާމަކޮށްފައިވެއެވެ.
(ފަރަންސޭސި ނޫސްތައް)