06 Apr 2018, 13:35
ދައުރު ހަމަވާން ދެ މަހަށް ވެފައި އޮއްވާ، މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީސް އުވާލަން ނިންމައިފިއެވެ.
މެލޭޝިއާގެ 13 ވަނަ ޕާލަމެންޓުގެ ދައުރު ހަމަވަނީ ޖޫން 24 އަށެވެ. ގާނޫނުތައް ބުނާ ގޮތުން، ގާނޫނު ހަދާ މަޖިލީސް އުވޭތާ 60 ދުވަސް ތެރޭގައި އިންތިޚާބު ބާއްވަން ޖެހެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ތުން ރައްޒާގު ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ވިދާޅުވީ، ގާނޫނު ހަދާ މަޖިލީސް އުވާލުމަށްޓަކައި އެގައުމުގެ ރަސްގެފާނު ސުލްތާން މުހައްމަދު (ފަސްވަނަ)އާ ބައްދަލުކުރެއްވި ކަމަށެވެ.
"ރަސްގެފާނު ވަނީ އޭޕްރިލް ހަތެއް ވާ ހޮނިހިރު ދުވަހު ތަންފީޒުވާ ގޮތަށް، ގާނޫނު ހަދާ މަޖިލީސް އުވާލުމަށް ހުއްދަ ދެއްވާފައި،" ބޮޑުވަޒީރު ނަޖީބު ވިދާޅުވިއެވެ.
އޭޕްރިލް ހަތެއްގައި ގާނޫނު ހަދާ މަޖިލީސް އުވޭ ނަމަ، މިއަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހުގެ ކުރިން އެގައުމުގައި އާންމު އިންތިޚާބު ބާއްވަން ޖެހެއެވެ. އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން މި ފެށޭ ހަފްތާ ތެރޭގައި އިންތިޚާބުގެ ތާރީޚު އިއުލާނު ކުރާނެކަމަށް ބެލެވެއެވެ.
"އަޅުގަނޑުމެންގެ އިއްތިހާދަށް އިންތިޚާބުގައި ކާމިޔާބީ ލިބިއްޖެ ނަމަ، މިހާރަށް ވުރެ މާ ރަނގަޅު ބަދަލުތަކެއް ގެނެސްދޭނެކަމުގެ ވައުދު ވަން،" ނަޖީބުގެ ޓީވީ ހިތާބުގައި މިއަދު ވިދާޅުވިއެވެ.
ބޮޑުވަޒީރު ނަޖީބުގެ ޕާޓީއަކީ މެލޭޝިއާގެ އުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އަމްނޯ)އެވެ. ނަޖީބު މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވަނީ އަމްނޯ ހިމެނޭގޮތަށް 13 ޕާޓީއެއް އެކުވެ "ބަރިސަން ނޭޝަނަލް" (ބީއެން) ކިޔާ އިއްތިހާދެއްގެ ތެރެއިންނެވެ.
މެލޭޝިއާގެ ދައުލަތުގެ ފަންޑު "ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރުހާދު (1އެމްޑީބީ)އިން ނަޖީބު ފައިސާ ނެންގެވިކަމުގެ ތުހުމަތުތަކެއް 2015 ވަނަ އަހަރުން ފެށިގެން ކުރެވުނެވެ. އެގޮތުން ނަޖީބުގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް 681 މިލިޔަން ޑޮލަރު ވަތްކަން ވަނީ ފަޅާ އަރައިފައެވެ. އެހެން ނަމަވެސް ނަޖީބު ވަނީ ދައުލަތުގެ ފައިސާގައި ޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އެ ފައިސާ ލިބިވަޑައިގެންނެވީ ސައުދީ ޝާހީ އާއިލާއަކުން ކަމަށް ވިދާޅުވެފައެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ އިދިކޮޅު މައި ލީޑަރު ޑރ. މަހާތީރު މުހައްމަދު ---
މި މައްސަލަތަކުގެ ތެރެއިން، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު، އުމުރުން 92 އަހަރުގެ ޑރ. މަހާތީރު މުހައްމަދު ވަނީ ސިޔާސީ މައިދާނަށް އަނބުރައި ވަޑައިގެން، ބޮޑުވަޒީރު ނަޖީބުއާ ދެކޮޅަށް މަސައްކަތް ކުރައްވަން ފައްޓަވައިފައެވެ. ދެހާސް ތޭރަވަނަ އަހަރު ރިޓަޔަރ ކުރެއްވި ޑރ. މަހާތިރު މިހާރު ވަނީ އެމަނިކުފާނުގެ ކުރީގެ ސިޔާސީ ވާދަވެރިޔާ އަންވަރު އިބްރާހީމްއާ ގުޅިވަޑައިގެން، މިއަހަރުގެ އިހްތިޚާބުގައި ބޮޑުވަޒީރު ނާޖިބުއާ ވާދަކުރައްވަން ނިންމަވާފައެވެ.
އެގޮތުން، އިދިކޮޅުން އިންތިޚާބު ކާމިޔާބުވެއްޖެނަމަ އިންތިގާލީ ބޮޑުވަޒީރަކަށް މަހާތީރު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އިދިކޮޅުން ބޮޑުވަޒީރުކަމަށް ގެންނަން ބެނުންވަނީ އަންވަރު އިބްރާހީމެވެ. ނަމަވެސް އަންވަރު މިވަގުތު ހުންނެވީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ކުށް ސާބިތުވެ، ޖަލުގައެވެ. އޭނާއަށް އިންތިޚާބުގައި ވާދަކުރެވޭނީ ނުވަތަ މަގާމެއް އަދާކުރެވޭނީ މެލޭޝިއާގެ ރަސްގެފާނުގެ ފަރާތުން ކުށަށް މައާފު ލިބުމުންނެވެ.
އެހެން ނަމަވެސް މިއަހަރުގެ އާންމު އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު އުފެއްދެވި ޕާޓީ ޕްރީބޫމީ ބެރްސާތޫ މެލޭޝިއާ (ބެރްސާތޫ) ވަނީ މެލޭޝިއާ ސަރުކާރުން އުވާލައިފައެވެ.
ބުރާސްފަތި ދުވަހު މެލޭޝިއާގެ ރެޖިސްޓްރާ އޮފް ސޮސައިޓީސްއިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޕާޓީ އުވާލީ ބައެއް ލިޔެކިޔުންތައް ހުށަހެޅުމަށް އެޕާޓީއަށް ދިން 30 ދުވަހުގެ މުހުލަތެއް ހަމަވެފައިވާ އިރު، އެ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާތީ ކަމަށެވެ.