ގައުމުތައް ތަރައްގީވެ ކުރިއަރާފައިވަނީ އެ ގައުމުތަކުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި މަސައްކަތްތެރިކަމުން ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާ ބިނާކޮށްފައިވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމު ކަމަށެވެ. އެގޮތުން އިސްލާމްދީނުގެ މަތިވެރި މަގްސަދުތަކުގެ ތެރޭގައި އިންސާނާގެ ނަފްސާއި ފުރާނަ އަދި ނަސްލު ރައްކާތެރިކުރުން ހިމެނޭ އިރު އެ ކަމަށް ބޭނުންވާ ހުކުމްތައް ﷲ ބާވައިލެއްވި ކަމަށް ހުތުބާގައި ވެއެވެ. އަދި އިންސާނާގެ ހަށިގަނޑަށާއި ދުޅަހެޔޮކަމަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ކުރުން އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާކަން ޚުތުބާގައި ބުނެފައިވެއެވެ.

"ސިއްހަތާއު ދުޅަހެޔޮކަމަކީ ހަޔާތުގެ މައިކަށްޓެވެ. ގައުމުތައް ތަރައްގީވެ ކުރިއަރާފައިވަނީ އެ ގައުމުތަކުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި މަސައްކަތްތެރިކަމުންނެވެ. ގައިބާރާއި އަޒުމު ވަރުގަދަކަމުންނެވެ. ކިޔަމަންތެރިކަމާއި ވަފާތެރިކަމުންނެވެ. ދުނިޔާގެ އަރާމާއި ފާގަތިކަމުގެ ރަހައާއި މީރުކަން، ބަލިމަޑުކަމާއި ރަހުމްކުޑަ ވަބާތަކުގެ ހިޔާވަހިކަމުގެ ތެރޭގައެއް ނުލިބޭނެއެވެ،" މިއަދުގެ ހުތުބާގައި ވެއެވެ.

އިސްލާމްދީނުގައި އާންމު ސިއްހަތަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ ސިއްހަތާ ދުޅަހެޔޮކަމަކީ އިންސާނާގެ ހަޔާތުގެ ހީވާގިކަމުގެ ފީތާ ކަމަށެވެ. އަދި އެއީ އިންސާނާގެ އާރާއި ބާރުގެ ހަކަތަ ކަމަށްވެސް ހުތުބާގައި ވެއެވެ.

ދުޅަހެޔޮ ސިއްހަތަކަށް ސާފުތާހިރުކަމުގެ މުހިންމުކަމަށް ވެސް ހުތުބާގައި ވަނީ އަލި އަޅުވާލިއެވެ. އެގޮތުން އިސްލާމްދީނުގެ މުހިންމު ރުކުންތަކުގެ ތަރަހަކަމުގައި ލައްވާފައިވަނީ ތަހާރަތު ކަމަށާއި، ތަހާރަތު ނެތި ނަމާދު ކުރުމާއި، ކީރިތި ގުރުއާނުގައި ބީހުމާއި ތަވާފުކުރުން ފަދަ އަޅުކަންތައް ވެސް ނުކުރެވޭނެކަމަށް ހުތުބާގައި ބުނެއެވެ.

ސިއްހަތު ރައްކާތެރި ކުރެއްވުމަށްޓަކައި މާތް ﷲ އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށް ހުތުބާގައި ބުނެއެވެ. އެގޮތުން އިންސާނާއަށް ގެއްލުން ލިބޭ އެއްޗެހި ކެއުމާއި ބުއިން ވަނީ ހަރާމް ކުރައްވާފައިވާ ކަމާއިން ހުތުބާގައި ބުނެއެވެ. އަދި އެމީހަކު ދިރިއުޅޭ ތަންތަން ސާފުކޮށް ބޭއްވުމަށާއި، ފާހިސް އަމަލުތަކަށް އަރައިނުގަތުމަށް އަމުރު ކުރައްވާފައިވާކަން ހުތުބާގައި ފާހަގަކުރިއެވެ.

"އިސްލާމް ދީން ފަރުދުންގެ ހައްގުތައް ރައްކާތެރިކޮށްދޭ ފަދައިން ޖަމާއަތުގެ ހައްގުތައްވެސް ރައްކާތެރިކޮށްދެއެވެ. އެ ހައްގުތަކަށް އިހްތިރާމުކުރުމަށް މި ދީން ގޮވާލައެވެ. ނުހިނގާ ފެންގަނޑު ފަދަ ތަންތަނަށް ޤަޟާހާޖަތް ނުކުރުމަށާއި އެފަދަ ތަންތަނަށް ނަޖިސްފަދަ ހަޑިމުޑުދާރު އެއްޗެހި އުކާނުކުމަށް އިސްލާމްދީން އަމުރުކުރެއެވެ،" ހުތުބާގައި ވެއެވެ.