ރާއްޖޭގައި އޮޑިޓްކުރުމުގެ މަސައްކަތް ކުރުމުންދާ ހުރިހާ ފަރާތްތަކުން ހުއްދަ ހޯދަން ޖެހޭ ގޮތަށް، އޮޑިޓް ކުރުމުގެ ލައިސަންސް ދޫކުރުމާ ބެހޭ އާ ގަވައިދު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަންނަ މަހު އެގަވާއިދު ނެރެވޭތޯ ބަލާނެ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ޑިރެކްޓަރު ޖެނެރަލް އަހްމަދު ސާލިހު އިއްޔެ ވިދާޅުވީ، މިހާތަނަށް އަމަލު ކުރަމުން އައި ގަވައިދުގެ ދަށުން އެ އޮފީހުން އޮޑިޓްކުރުމުގެ ލައިސަންސް ދޫކޮށްފައި ވަނީ ގާތްގަނޑަކަށް ފަސް ފަރާތަކަށް ކަމަށާއި އެހެން ފަރާތްތަކުން އޮޑިޓް ކުރުމުގެ މަސައްކަތް މިހާތަނަށް ކުރަމުން އަންނަނީ އެ އޮފީހުން ދީފައިވާ ހުއްދައެއްގެ ދަށުން ނޫން ކަމަށެވެ. އެއީ އެއްވެސް ގާނޫނެއް އަދި ގަވައިދެއްގެ ދަށުން އެފަރާތްތަކުން ހުއްދަ ނަގަން ނުޖެހޭތީ އެވެ.

ނަމަވެސް، އާ ގަވައިދުގެ ދަށުން އޮޑިޓްކުރުމުގެ ލައިސަންސް ހުރިހާ ފަރާތްތަކުން ވެސް ނަގަން ޖެހޭނެ ކަމަށާއި މިހާރު އެ ހުރިހާ ފަރާތްތަކެއްގެ މައުލޫމާތު އެއްކުރުމަށް ސާވޭއެއް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ މަސައްކަތް ނިންމައި، އަންނަ މަހު އާ ގަވައިދު ގެޒެޓްކުރެވޭތޯ ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

http://www.youtube.com/watch?v=gQMiPWU_P7o

"ރާއްޖޭގައި ހުރި ހުރިހާ އޮޑިޓްކުރާ ފަރާތްތަކުގެ މައުލޫމާތެއް ނެތް. އެއީ ކުންފުންޏާ ބެހޭ ގާނޫނުގައި މިވަނީ ވަކި ކުންފުނިތަކެއް އޮޑިޓްކުރުމަށޭ އޮޑިޓް އޮފީހުން ދޫކޮށްފައިވާ ލައިސަންސް އޮތް ފަރާތްތައް ބޭނުންވަނީ. އޭގެ މާނައަކީ ދެން ހުރި ކުންފުނިތައް އޮޑިޓްކުރެވޭނެ އޮޑިޓް އޮފީހުން ލައިސަންސް ދޫނުކުރިއަސް. އެހެންވީމަ ވާގޮތަކީ އެ ފަރާތްތަކާ ]ލައިސަންސް ނުހޯދައި އޮޑިޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކާ[ ބެހޭ މައުލޫމާތެއް ނެތް މިކޮޅުގައި. އެފަރާތްތަކަށް ހުއްދަ ނެތިވެސް މަސައްކަތް ކުރެވޭ. އެހެންވީމަ އެ ފަރާތްތަކުގެ މައުލޫމާތު ހޯދަމުން މިދަނީ،" ސާލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ރާއްޖޭގައި އެ މަސައްކަތް ކުރަމުންދަނީ ކިތައް ފަރާތުން ކަމެއް ނޭގޭ ކަމަށެވެ. ނަމަވެސް، ޓެކްސް ދައްކަން ޖެހޭ ގިނަ ފަރާތްތަކުން ހިސާބުތައް ހުށަހަޅަން ޖެހޭނީ ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން އޮޑިޓްކުރުމަށް ފަހު ކަމަށް ވާތީ، އެ މަސައްކަތް ވީހާ ވެސް އަވަސްކުރެވޭތޯ ބަލަމުން އަންނަ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ބޭނުންވޭ ރަޖިސްޓްރީކޮށްފައި ހުރި 500 އެއްހާ އޮޑިޓަރުން ރާއްޖެ އަށް. ބޮޑަށް މިކަމުގެ ނީޑް ]ބޭނުން[ އައިސްގެން މިއުޅެނީ ޓެކްސް ގާނޫނުތައް ތަންފީޒުކުރަން ފެށުމުން. އެއީ އެ ގާނޫނުތައް އައިމަ މިވާގޮތަކީ އެތައް ހާސް ކުންފުންޏަކުން އެބަ ޖެހޭ އެކުންފުނިތަކުގެ ހިސާބުތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށް ހުށަހަޅަން. އެހެންވީމަ ފަރާތްތަކުން ހުށަހަޅައި ހިސާބުތަކަކީ ލައިސަންސް ދޫކުރެވިފައި ހުންނަ ފަރާތަކުން އޮޑިޓް ކޮށްފައި ހުންނަން ޖެހޭ އެއްޗެއް ކަމަށް މީރާއިން އެބަ ވިދާޅުވޭ،" ސާލިހު ވިދާޅުވި އެވެ.

އޮޑިޓްކުރުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވައިދުގައި އޮޑިޓަރުންގެ ޝަރުތުތަކާއި ލައިސަންސް ބާތިލުކުރެވޭނެ ގޮތްތަކާއި އަދި ލައިސަންސް ދޫކޮށްފައިވާ ފަރާތްތައް މޮނިޓާ ކުރާނެ ގޮތްތައް ކަނޑައަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން ގަވައިދު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ އޮޑިޓް ގާނޫނުގެ ފަސް ވަނަ މާއްދާގެ )މ( އިން އޮޑިޓާ ޖެނެރަލަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.