14:30


މަސްތުވާތަކެތީގެ މައްސަލައިގައި އެމެރިކާއިން ހޯދަން ބޭނުންވެފައިވާ ކުށްވެރިއެއް ކަމަށްވާ ކްރިސްޓޮފަރ ޑޫޑަސް ކޯކް އަށް ތާއީދުކުރާ ބަޔަކާއި އޭނާ ދިރިއުޅޭ ގައުމު ކަމަށްވާ ޖެމެއިކާގެ ފުލުހުންނާ ދެމެދު ފާއިތުވި ހަތަރު ދުވަސް ތެރޭ ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު 44 އަށް އަރައިފި އެވެ.


އަލްޖަޒީރާއިން ބުނާގޮތުގައި އެމެރިކާގެ އަމުރުގެ މަތިން ޖެމެއިކާ ސަރުކާރުން ކޯކް ހޯދުމަށް ކުރާ މަސައްކަތަށް އޭނާގެ ސަޕޯޓަރުން ހުރަސް އަޅައި، ފުލުހުންނަށް ހަމަލާދިނުމުގެ ސަބަބުން މިހާތަނަށް ފުލުހުންގެ ތިން އޮފިސަރަކު މަރުވެފައިވާ ކަމަށެވެ. އަދި ކޯކްގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަރުވެފައިވާ މީހުންގެ ތެރޭގައި ދެން ހިމެނެނީ މުޅިން ވެސް ކުށެއް ނެތް އާންމުން ކަމަށް ވެސް އަލްޖަޒީރާއިން ބުނެ އެވެ.


މިކަމާ ގުޅިގެން ޖެމެއިކާގެ ފުލުހުން ބުނީ މިހަމަނުޖެހުމުގައި ބައިވެރިވި މީހުންގެ ތެރޭން 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ވެރިރަށް ކިންގްސްޓަންގެ އެކިކަންކޮޅުތަކުގައި ތިބި ގޭންގުތަކުން މިހަމަނުޖެހުމުގެ ތެރެއަށް އަލަށް ވަންނަމުންދާ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.


ޖެމެއިކާގައި ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން އެގައުމުގެ ސަރުކާރުން ވަނީ މިދިޔަ ހޯމަ ދުވަހު އެގައުމުގައި ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ.