ސައޮ ޕައުލޯ (އޭޕްރިލް 6): ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ މާދަމާގެ ކުރިން ފުލުހުންނާ ހަވާލުވާން އެގައުމުގެ ކޯޓަކުން މުހުލަތެއް ދީފިއެވެ.

ބްރެޒިލްގެ ކޯޓަކުން އެފަދައިން އަމުރުކުރީ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ލޫލާގެ މައްޗަށް ކުރި 12 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ެ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން އިއްޔެ ނިންމުމުންނެވެ.

އެނިންމުމާ ގުޅިގެން ފެޑެރަލް ޖަޖް ސާޖިއޯ މޯރޯ ވަނީ މިއަދު ބްރެޒިލްގެ ގަޑިން 17:00ގެ ކުރިން ލޫލާ ފުލުހުންނާ ހަވާލުވާން އަމުރުކޮށްފައެވެ. އަދި ލޫލާ ހައްޔަރު ކުރާ ޖަލުގައި ހަމައެކަނި އޭނާއަށް ހާއްސަ ގޮޅިއެއް ހަދާފައިވާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ބްރެޒިލްގެ ދައުލަތުގެ ތެޔޮ ކުންފުނި ޕެޓްރޯބްރާސްގެ ކޮންޓްރެކްޓެއް ކާމިޔާބު ކުރުމަށްޓަކައި، އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ އޯއޭއެސްއިން ލޫލާއަށް ދިން ރިޝްވަތު ގަބޫލުކުރެއްވިކަމުގެ ކުށުގައި އޭނާގެ މައްޗަށް ނުވަ އަހަރާއި ބައިގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރެވެ.

އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން މިދިޔަ ޖެނުއަރީ މަހު ކޯޓުން ވަނީ ލޫލާގެ މައްޗަށް ކުރި ހުކުމް ދަމަހައްޓައި، އެ ހުކުމް 12 އަހަރާއި އެއް މަހަށް އިތުރުކޮށްފައެވެ.

ބްރެޒިލްގެ ރައީސްކަން 2003 ވަނަ އަހަރުން 2011 އަށް ކުރެއްވި ލޫލާ ވަނީ އަންނަ އޮކްޓޯބަރު މަހު އެގައުމުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ބްރެޒިލްގެ ގާނޫނު އަސާސީގައިވާ ގޮތުން ކުށެއް ސާބިތުވެ ހުކުމެއްކޮށްފައިވާ އަދި އިސްތިއުނާފު ކޯޓަކުން އެހުކުމް ދަމަހައްޓާފައިވާ މީހަކަށް އިންތިހާބީ މަގާމަކަށް ވާދަ ނުކުރެވޭނެ އެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ފަހު ނިންމުން ނިންމާނީ އެގައުމުގެ ސުޕީރިއާ އިލެކްޓޯރަލް ކޯޓު (ޓީއެސްއީ) އިންނެވެ.

އެކޯޓުން ލޫލާއަށް ބްރެޒިލްގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެކަން ނުވަތަ ނޫންކަން ބުނާނީ އޭނާ އަންނަ އޮގަސްޓު މަހުގެ 15ގެ ކުރިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރެޖިސްޓާ ކުރުމުންނެވެ.

(ބީބީސީ)