މީގެ 20 އަހަރު ކުރިން 1998 ވަނަ އަހަރު "ހަމް ސާތު ސާތު ހޭ"ގެ މަސައްކަތް ކުރިއަށް ދިޔައިރު ދެ ފުއްލާއެއް މަރާލި މައްސަލައިގައި ސަލްމާނަށް އިއްޔެ މިވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އިންޑިއާގެ ރާޖަސްތާނުގެ ޖޯދުޕޫރުގެ ކޯޓުން ކުރި ހުކުމާ އެއްގޮތަށް ސަލްމާން މިހާރު ވަނީ ޖަލަށް ގެންގޮސްފައެވެ. މާދަމާ ސަލްމާން ގައިދީއެއްގެ ޔުނީފޯމު ލައްވާ އިރު، ސަލްމާނުގެ މައްޗަށް ޖޯދުޕޫރުގެ ކޯޓުން އިއްވި މި ހުކުމް މަތީ ކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުސަތު އޭނާއަށް އޮންނާނެއެވެ.

ސަލްމާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި އޭނާ ޖަލު ގޮޅިއަށް ލާފައި ވާއިރު، އޭނާގެ ބޮޑެތި ފިލްމުތަކެއްގެ މަސައްކަތް ކުރިއަށް އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ރޭސް 3"، "ބާރަތު"، "ކިކް 2" އަދި "ދަބާންގް 3" ހިމެނެއެވެ.

ސަލްމާނަށް އިއްވި ހުކުމާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ވާނީ "ރޭސް 3" އަށެވެ. މި އަހަރުގެ ޖޫން މަހު ފިލްމު ރިލީޒް ކުރަން ނިންމައިފައި ވާއިރު، ފިލްމުގެ ޝޫޓިން އަދި އެއްކޮށް ނުނިމެއެވެ. އެހެންކަމުން މާލީ ގޮތުން ފިލްމަށް 1.5 ބިލިޔަން ރުޕީސް ގެއްލުމެއް ލިބިދާނެކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެއެވެ.

އެހެން ފިލްމުތަކުގެ މަސައްކަތް އަދި ރަސްމީކޮށް ފަށައިފައި ނުވާތީ، މާލީ ގޮތުން ގެއްލުމެއް ނުލިބުނު ނަމަވެސް، ފިލްމުތަކުގެ މަސައްކަތް ތާވަލު ކޮށްފައިވާ ގޮތަށް ކުރިއަށް ނުގެންދެވޭނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.

ސަލްމާންގެ ފިލްމުތަކަށް ބޮކްސްއޮފީހުގައި ދެ ބިލިޔަން ރުޕީސްއާ ގާތްކުރާ އާމްދަނީއެއް ލިބެއެވެ. އެހެންކަމުން މި ހުކުމަކީ ބޮކްސްއޮފީހަށް ވެސް 600 ކުރޯރުގެ ގެއްލުމެއް ލިބިގެންދާނެ ހުކުމެއް ކަމަށް ބައެއް ޓްރޭޑް އެނަލިސްޓުން ބުނެއެވެ.

ތިރީގައި މިވަނީ ސަލްމާން އާއެކު އިއުލާނުކޮށްފައިވާ ބައެއް ޕްރޮޖެކްޓުތަކެވެ. ސަލްމާނަށް އިއްވި ހުކުމުގެ ސަބަބުން އެ ފިލްމުތަކަށް ވެގެންދާނެ ގޮތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

  1. ރޭސް 3

މަޝްހޫރު ކޮރެއޮގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާގެ 'ރޭސް 3' ގެ ލީޑު ރޯލުން ފެނިގެންދާނީ ސަލްމާނެވެ. ބެންގްކޮކް އަދި އަބޫ ދާބީގައި ފިލްމުގެ ބޮޑުބައެއް ޝޫޓުކޮށް ނިންމައިފައި ވީނަމަވެސް، ފިލްމުގެ ޝޫޓިން އަދި މުޅިން ނުނިމެ އެވެ. ސަލްމާންގެ އިތުރުން، އަނިލް ކަޕޫރު، ބޮބީ ޑިއޯލް، ޖެކްލީން ފާނަންޑޭޒް، ޑެއިޒީ ޝާހް، އަދި ސާޤިބް ސަލީމް މުހިންމު ރޯލުތަކުން ފެނިގެންދާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޖޫން 15 ގައެވެ.

2. ބާރަތު

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ "ބާރަތު"އަކީ ކޮރެއާ ފިލްމު "އޯޑް ޓު މައި ފާދާ"ގެ ރީމޭކެކެވެ. ފިލްމު އަދި އޮތީ ޕްރީ ޕްރޮޑަކްޝަން ހިސާބުގައެވެ. ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި އޮތީ ޖޫން ފަހުކޮޅު، ސަލްމާން "ރޭސް 3"ގެ މަސައްކަތް އެއްކޮށް ނިންމާލުމުންނެވެ. ފިލްމު ރިލީޒްކުރުމަށް ހަމަޖައްސައިފައި ވަނީ އަންނަ އަހަރުގެ އީދުގައެވެ.

  1. ދަބާންގް 3

ސަލްމާންގެ ބޭބެ އަރްބާޒް ޚާން ޕްރޮޑިއުސް ކުރުމަށް ހަމަޖެހިފައިވާ "ދަބާންގް 3"އަކީ އެ ފްރެންޗައިޒްގެ ތިންވަނަ ފިލްމެވެ. އެ ފްރެންޗައިޒްގައި ސަލްމާން ފެނިގެންދަނީ ޗުލްބުލް ޕާންޑޭ ކިޔާ ފުލުހެއްގެ ރޯލުންނެވެ. ޕްރަބޫދޭވާ ޑައިރެކްޓު ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ މަސައްކަތް އަދި ފަށައިފައި ނުވާއިރު، ފިލްމު ރިލީޒްކުރާނެ ތާރީޚެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

  1. ކިކް 2

ސަލްމާން އާއެކު ސާޖިދް ނާދިއަޑްވާލާގެ "ކިކް 2" އިއުލާނުކޮށްފައި ވަނީ މި އަހަރުގެ ފެބުރުއަރީގައެވެ. އެ ސީރީޒްގެ ފުރަތަމަ ފިލްމުން ވެސް ފެނިގެން ދިޔައީ ސަލްމާނެވެ. ފިލްމުގެ މަސައްކަތް އަދި ފަށައިފައި ނުވި ނަމަވެސް، އަންނަ އަހަރުގެ ޑިސެމްބަރުގައި ފިލްމު ރިލީޒްކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި ފިލްމުގެ ޕޯސްޓަރު ވެސް ވަނީ ދައްކާލައިފައެވެ.