އަހްމަދު ޚާން ޑައިރެކްޓުކޮށް، ޓައިގާ ޝްރޯފް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބާޣީ 2"އިން ވެސް އެއް ބިލިޔަން ރުޕީސްގެ އާމްދަނީއެއް ހޯދައިފިއެވެ.

އެއާއެކު އެ ފިލްމު ވެގެން ގޮސްފައި މިވަނީ މި އަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން އެއް ބިލިޔަން ރުޕީސްގެ އާމްދަނީއެއް ހޯދި ތިން ވަނަ ފިލްމަށެވެ.

"ޕަދްމާވަތު" އަދި "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ"އިން އެއް ބިލިޔަން ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި އިރު، "ބާޣީ 2"އިން ވަނީ "'ޕަދްމާވަތު" ފަހަތަށް ޖައްސާލުމަށް ފަހު، ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ މަގާމު ހޯދައިފައެވެ.

ފިލްމަށް ލިބެމުން އަންނަ ކާމިޔާބާއި ތަރުހީބުގެ ސަބަބުން ޓައިގާ ވަނީ ފިލްމުގެ ޕްރޮޑިއުސަރު، ސާޖިދު ނާދިއަޑްވާލާ އަށް ޝުކުރު އަދާކޮށްފައެވެ.

އެ ފިލްމަށް އެއް ބިލިޔަން ރުޕީސް ލިބިފައި މިވަނީ ފިލްމު ރިލީޒް ކުރިތާ ހަފްތާއެއްގެ ތެރޭގައެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ފިލްމަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެއެވެ.

"ބާޣީ 2" އަކީ 2016 ވަނަ އަހަރު ރިލީޒް ކުރި ތެލުގޫ ފިލްމެއްގެ ރީމޭކް އެކެވެ.

"ބާޣީ" އަކީ ސާޖިދު ނާދިއާދްވާލާ ޕްރޮޑިއުސް ކުރާ ސީރީޒް އެކެވެ. "ބާޣީ"ގެ ފުރަތަމަ ފިލްމުގައި ޓައިގާ އާއެކު ފެނިގެން ދިޔައީ ޝްރައްދާ ކަޕޫރު އެވެ. ނަމަވެސް "ބާޣީ 2"ގައި ފެނިގެން ދަނީ ދިޝާ ޕަޓާނީއެވެ.

ފުރަތަމަ ބައިގައި ޓައިގާ ކުޅެފައި ވަނީ ލޯތްބަށްޓަކައި ހަނގުރާމަ ކުރަމުން ދާ މީހެއްގެ ރޯލެވެ. "ބާޣީ 2"ގައި ޓައިގާ ފެނިގެން ދަނީ ސިފައިންގެ މީހެއްގެ ރޯލުންނެވެ.

ސާޖިދު ވަނީ ޓައިގާ އާއެކު "ބާޣީ 3" ވެސް އިއުލާނުކޮށްފައެވެ. ސާޖިދު ބުނީ މިހާރު އެ ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ފިލްމާ ގުޅޭ އިތުރު ތަފްސީލު ހާމަކުރާނެ ކަމަށެވެ.