ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި އާސެނަލާއި އެތުލެޓިކޯ މެޑްރިޑުން މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ސީއެސްކޭއޭ މޮސްކޯއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގު މެޗުން އާސެނަލް މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ހުރިހާ ލަނޑެއް ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ތެރޭގައެވެ.

މެޗުގެ ނުވަވަނަ މިނެޓުގައި ހެކްޓާ ބެލެރިން ދިން ބޯޅައަކުން އާސެނަލަށް އާރޮން ރަމްސީ ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 15 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން އެލެކްސެންޑާ ގޮލޮވިން ވަނީ ސީއެސްކޭއޭއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ސީއެސްކޭއޭގެ ޕެނަލްޓީ އޭރިއާ ތެރެއިން މެސުޓް އޮޒިލްއަށް ޖޯޖީ ޝެނިކޯވް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީން އާސެނަލަށް އަލުން ލީޑު ހޯދައިދިނީ އެލެކްސެންޑާ ލަކަޒެޓްއެވެ. މެޗުގެ 28 ވަނަ މިނެޓުގައި އޮޒިލް ދިން ބޯޅައަކުން އާސެނަލަށް ރަމްސީ އިތުރު ލަނޑެއް ކާމިޔާބުކޮށްދިން އިރު، މެޗުގެ 35 ވަނަ މިނެޓުގައި އޮޒިލް ދިން ބޯޅައަކުން އާސެނަލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ލަކަޒެޓްއެވެ.

އަމިއްލަ ދަނޑުގައި ރޭ ސްޕޯޓިންއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގު މެޗުން އެތުލެޓިކޯ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެތުލެޓިކޯއިން ޖެހި ދެ ލަނޑުވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ތެރޭގައެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯއާއި ސްޕޯޓިން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެތުލެޓިކޯ މޮޅުވީ 2-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ 23 ވަނަ ސިކުންތުގައި ސެބަސްޓިއަން ކޯޓޭސްއަށް ހެދުނު ގޯހަކުން އެތުލެޓިކޯއަށް ލީޑު ހޯދައިދިނީ ކޮކޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޑިއޭގޯ ކޮސްޓާ ދިން ބޯޅައަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، އެތުލެޓިކޯގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަންއެވެ.

ރޭ ކުޅުނު ކުއާޓާގެ ފުރަތަމަ ލެގު މެޗުގައި ލާޒިއޯއިން ވަނީ އަމިއްލަ ދަނޑުގައި ރެޑްބުލް ސަލްޒްބާގް އަތުން 4-2ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެ މެޗުގައި ލާޒިއޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސެނަޑް ލުލިޗްއާއި، މާކޯ ޕެރޯލޯއާއި، ފެލިޕޭ އެންޑަސަން އަދި ސިރޯ އިމޯބިލޭއެވެ. ސަލްޒްބާގުން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ ވެލޮން ބެރިޝާ އަދި ޓަކޫމީ މިނަމިނޯއެވެ.

އަމިއްލަ ދަނޑުގައި ރޭ ރެޑްބުލް ލައިޕްޒިގް ވަނީ 1-0ގެ ނަތީޖާއަކުން މާސޭ ބަލިކޮށްފައެވެ. އެ މެޗުގައި ލައިޕްޒިގުން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ހުނަރުވެރި ފޯވަޑް ޓިމޯ ވާނާއެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާގެ ދެވަނަ ލެގު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.