05 Apr 2018, 22:27
ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ސ. ހުޅުދޫ، އެޅެހިށިގޭ އަލްއުސްތާޒާ އައިޝަތު ތައުމީނާ އައްޔަންކޮށްފިއެވެ.
ރާއްޖޭގެ ފުޓުބޯޅަ ކްލަބެއްގެ ޖެނެރެލް ސެކެރެޓަރީ ކަމުން ކަނބަލެއް ފަހުގެ ތާރީހެއްގައި ފެނިފައެއް ނުވެއެވެ. ވިކްޓަރީއަށް އަލަށް އިންތިހާބުވި ބޯޑު އައްޔަންކޮށްފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.
ކްލަބާ އަލަށް ހަވާލުވި ޗެއާމަނަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލެވެ. އަދި ވައިސް ޗެއާމަނުންނަށް އިންތިހާބު ކޮށްފައިވަނީ ކްލަބުގެ ކުރީގެ ޗެއާމަން އިބްރާހިމް ނަޒީމް އަދި ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ.
އަލަށް އިންތިހާބުވި ބޯޑާއެކު ވިކްޓަރީގެ ޖެނެރަލް ސެކްރަޓަރީގެ މަގާމަށް މިރޭ އައްޔަންކުރި ތައުމީނާއަކީ ޝަރުއީ ދާއިރާގައި ތަޖުރިބާކާރު ބޭކަނބަލެކެވެ. އެކަމަނާ ވަނީ ގާނޫނީ ވަކީލެއްގެ ގޮތުން ޝަރުއީ ދާއިރާގައި ނުވަ އަހަރު ދުވަހު ހޭދަކުރައްވައިފައެވެ.
އެގޮތުން އެސްޓީއޯ، އެމްޓީސީސީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި ތައުމީނާ މިހާރު މަސައްކަތް ކުރައްވަނީ އަމިއްލަ ލޯ ފާމެއްގައެވެ.
ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވަމުން ފުޓުބޯޅައަށް ހިދުމަތް ކުރެއްވުމަށް ނުކުންނެވި ސަބަބާ ގުޅޭގޮތުން ތައުމީނާ "ސަން ސްޕޯޓްސް"އަށް ވިދާޅުވީ ޝަރުއީ ދާއިރާގެ އިތުރުން ކުޅިވަރު، ހާއްސަކޮށް ފުޓުބޯޅަ ދާއިރާއަކީ ޝައުގުވެރިކަން ހުންނަ ދާއިރާއެއް ކަމަށެވެ.
"ލީގަލް ދާއިރާގެ އިތުރުން ފުޓުބޯޅައަކީ އަބަދުވެސް ޝައުގުވެރިކަން ހުންނަ ދާއިރާއެއް. ވިކްޓަރީއަކީ އަޅުގަނޑު އެންމެ ސަޕޯޓްކުރާ އަދި އެންމެ ލޯބިކުރާ ކްލަބު. އަޅުގަނޑު ގަބޫލުކުރަން ކުޅިވަރުގެ ދާއިރާގައި ހިދުމަތްތަކެއް ކުރެވޭނެ ކަމަށް،" ތައުމީނާ ވިދާޅުވިއެވެ.
ތައުމީނާ އިތުރަށް ވިދާޅުވީ ކްލަބެއްގެ ޖެނެރަލް ސެކްރަޓަރީގެ މަގާމުގައި ކަނބަލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، ވިކްޓަރީގެ ހުށަހެޅުން ގަބޫލުކުރީވެސް އާންމުކޮށް އަންހެން ކަނބަލުން އެފަދަ މަގާމުތަކުން ނުފެންނާތީ ކަމަށެވެ.
ވިކްޓަރީއަށް އަލަށް އިންތިހާބުވި ބޯޑާއެކު ގިނަ ޕްލޭންތަކެއް ރޭވި، ވިކްޓަރީގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށްވެސް ތައުމީނާ ވިދާޅުވިއެވެ. އަދި ބޯޑުގެ މަސައްކަތުން ވިކްޓަރީގެ ކުރީގެ މަގާމަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ވިކްޓަރީގެ ބޯޑަށް އިންތިހާބުވި މެމްބަރުންގެ ތެރޭގައިވެސް ކަނބަލަކު ހިމެނިފައިވެއެވެ. އެއީ ޑިރެކްޓަރު އައިޝަތު އަލީފާއެވެ.
މިސީޒަންގެ މާލޭ ލީގުގައި ކުޅުނު ހަތަރު މެޗުން ތިން ޕޮއިންޓާއެކު ވިކްޓަރީ އޮތީ ތާވަލުގެ ހަތް ވަނައިގައެވެ.