28 Aug 2011, 16:12
ޖަރުމަން ބުންޑަސްލީގައި ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ކައިސާސްލަޓަން އާދެކޮޅަށް ބެޔާން މިއުނިކު ކުޅުނު މެޗުގައި ފޯވާޑް މާރިއޯ ގޮމޭޒް ކާމިޔާބުކޮށްދިން ހެޓްރިކާއެކު އެޓީމު ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.
މާރިއޯ ގޮމޭޒް ދެލަނޑު ޖަހާފައިވަނީ ޕެނަލްޓީއެއްގެ ބޭނުން ހިފުމަށްފަހު އެވެ. ފުރަތަމަ ޕެނަލްޓީ މެޗުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު ދެވަނަ ޕެނަލްޓީ މެޗްގެ 55 ވަނަ މިނެޓުގައި ކައިސާސްލަޓަން ކީޕަރު ދިފާއުކުރި ނަމަވެސް ރީބައުންޑުން ވަނީ ގޯލު ކާމިޔާބު ކޮށްފައެވެ. މާރިއޯ ގޮމޭޒް ހެޓްރިކް ފުރިހަމަކުރީ މެޗްގެ 69 ވަނަ މިނެޓުގައެވެ.
މޮޅު ކުޅުމެއް ދެއްކުމަށްފަހު 3-0 ލަނޑުން މެޗު ކާމިޔާބުކުރި ބެޔާން މިއުނިކުގެ ކޯޗް މެޗަށްފަހު ބުނެފައިވަނީ މިއީ ކާމިޔާބީގެ ފެށުން ކަމަށެވެ.
"އަހަރެންނަށް، މިމެޗަކީ ބެޔާންއިން ކުޅުނު އެންމެ މޮޅު މެޗު. ޓީމުގެ ކުޅުން އަދި މިއަށްތުރެ ދުވަހެއް ދުވަހަކަށް ރަނގަޅު ވެގެންދާނެ. މިއީ އަދި ކާމިޔާބީގެ ފެށުން." ބެޔާން މިއުނިކްގެ ކޯޗް ޖޫޕް ހޭންކްސް ބުންޏެވެ.
ޖަރުމަން ބުންޑަސްލީގާގައި އިއްޔެ ކުޅުނު މެޗްތަކަށް ބަލައިލާއިރު ބެޔާން ލެވަކޫސް ކުޅުނު މެޗް ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި ނިމިގެން ދިޔައޮރު ހޮފެންހެއިމް އަތުން ވާޑާ ބްރެމަން 2-1 ލަނޑުން ވަނީ މޮޅުވެފަ އެވެ. ހެމްބާގް އަތުން 3-4 ލަނޑުން ކޮލޯން މޮޅުވިއިރު އެފްސީ އޮގްބާގު އަތުން ނިއުރެންބާގް މޮޅުވެފައިވަނީ 1-0 ލަނޑުންނެވެ.