"ކީރިތި ގުރުއާނުގެ ދިފާއުގައި"ގެ ނަމުގައި އިސްލާމިކް ޔުނިވާސިޓީން ފޮތެއް ނެރެފިއެވެ.

އިސްލާމިކް ޔުނިވާސީޓީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ފޮތް ނެރެދެއްވީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިއީ އިސްލާމިކް ޔުނިވާސިޓީގެ ފުރަތަމަ އިލްމީ ދިރާސާގެ މައްޗަށް ނެރުނު ފޮތެކެވެ. މިފޮތް ލިޔެދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒްގެ ޑީން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ މިއަދު ނެރުނު ފޮތަކީ ޣައިރު މުސްލިމުންގެ ހަމަލާތަކުން ކީރިތި ގުރުއާން ދިފާއުކުރުމުގެ ގޮތުން ލިޔުއްވި ފޮތެއް ކަމަށެވެ.

"ކީރިތި ގުރުއާނުގެ ދިފާއުގައި"ގެ ނަމުގައި އިސްލާމިކް ޔުނިވާސިޓީން ފޮތެއް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އިސްލާމިކް ޔުނިވާސިޓީ

"މިފޮތުގައި ހިމެނިފައިވާ ގިނަ މައުލޫތަކަކީ ގުރުއާނާ ބެހޭގޮތުން ޣައިރު މުސްލިމުން ދައްކާފަައި ހުރި ތާކުންތާކު ނުޖެހޭ ވަރަށް ގިނަ ވާހަަކަތަކަށް އިލްމީ ނަޒަރަކުން، އިލްމުވެރިން ކުރައްވާފައިވާ ދިރާސާތަަކުގެ އަލީގައި ދީފައިހުރި ޖަވާބުތައް ހިމަނާލައިގެން ތައްޔާރުކޮށްފައިވާ ފޮތެއް،" ޑރ. ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ.

އެފޮތް އިސްލާމިކް ޔުނިވާސިޓީގެ ފޮތް ފިހާރައިން އަންނަ ހަފްތާއިން ފެށިގެން ލިބެން ހުންނާނެ ކަމަށް އިސްލާމިކް ޔުނިވާސިޓީން ބުންޏެވެ. އަދ ބުނީި ފޮތް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޔުނިވާސިޓީގެ ފަންޑަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ "އެން އިންޓްރޮޑަކްޝަން ޓު އިސްލާމިކް ފައިނޭންސް"ގެ ނަމުގައި މުހައްމަދު ތާކީ އުސްމާނީ ލިޔުއްވާފައިވާ ފޮތުގެ ދިވެހި ތަރުޖަމާ ވެސް ނެރެފައެވެ. "އިސްލާމީ މާލީ މުއާމަލާތްތަކަށް މަގެއް"ގެ ނަމުގައި ނެރުނު ފޮތް ތަރުޖަމާކޮށްދެއްވީ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެެވެ.