މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތުގެ އަގު ކޮންޓްރޯލްކުރުމަށް ކަނޑައެޅި އަގުތަކަކީ ފިހާރަތަކަށް މުދާ ގެންދިމުގެ އަގާއެކު ކަނޑައަޅާފައިވާ އަގުތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވިޔަފާރި ބަނދަރުން މުދާ ކްލިއާކުރާ މަޖޫރިންގެ ކަންތައް މީގެ ކުރިން ކޮށްފައިވަނީ އެއްވެސް އުސޫލެއްގެ ދަށުން ނޫން ކަމަށެވެ.

މާލެ ތެރެއަށް މުދާ ޑެލިވަރީކުރާ ވަގުތުތަކަށް ސަރުކާރުން އާދިއްތަދުވަހު ގެނައި ބަދަލާއެކު އެމްޕީއެލްގެ ވިޔަފާރި ބަނދަރުން މުދާ ކްލިޔާ ކުރާ މަޖޫރިން ވަނީ އިހުތިޖާޖުކޮށް، ކޮންޓެއިނަރު ކްލިއާކޮށްދޭ އަގު ބޮޑުކުރާނެކަމަށް ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީއިން އިއްޔެ އާންމު ކުރި އިއުލާނެއްގައި ވަނީ މަޖޫރިންނަށް މުދާ ކްލިޔާކޮށްދެވޭނެ އަގުތައް ކަނޑައަޅައިފައެވެ. އެ އިއުލާނުގައި ބުނެފައިވާގޮތުން އެ އަގުތަކަށްްވުރެ ބޮޑުކޮށް މުދާ ކްލިއާ ކޮށްދިނުމަކީ މަނާ ކަމެކެވެ. މަޖޫރިންގެ މުދާ ކްލިއާކޮށްދެވޭ އަގު ކޮންޓްރޯލުކުރުމުން މަޖޫރީން ދެން މަސައްކަތްކުރީ ފިހާރަތަކާ ހަމައަށް މުދާ ގެންގޮސްދޭ އަގު ބޮޑު ކުރުމަށެވެ.

"މަޖޫރިން ކޮންޓެއިނާ ކްލިއާކުރުމުގެ އަގުތައް ކަނޑައަޅާފައިވަނީ ގުދަންތަކަށް ގެންދިއުމާ ހަމައަށް. އެއީ ފުލް ޕެކޭޖުގެ އަގު،" މިނިސްޓަރު ވިދާޅުވިއެވެ.

މަޖޫރިންނަށް ދޭ އަގު ކޮންޓްރޯލުކޮށްފައި ވާއިރު މަޖޫރީންގެ ހިދުމަތް ދޭ ފަރާތްތަކުން އަލުން އެމްޕީއެލްގައި ރަޖިސްޓްރީކުރަން އެ ކުންފުނިން ވަނީ ހަތް ދުވަސް ދީފައެވެ. އަދި އަލުން ރަޖިސްޓްރީ ކޮށްދޭނީ އިކޮނޮމިކް މިނިސްޓްރީއިން އަލަށް އިއުލާނުކުރި އަގުތަކާ އެއްބަސްވާ ފަރާތްތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވިޔަފާރި މުދާ އުލުލޭނެ ގަޑިތަކަކީ ވިޔަފާރި ކުރާ ފަރާތްތަކަށާއި މުދާ އުފުލާ ފަރާތްތަކަށްވެސް ފަސޭހަ ބަދަލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މި ބަދަލު ގެނައި ފަހުން އެމްޕީއެލްއިން މުދާ ކްލިއާކުރާ މިންވަރަށް ބަދަލު އައިސްފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ރޭ 11 ޖެހި އިރު 254 ލޮރީގެ މުދާ އެމްޕީއެލްއިން ނެރުނު. ދުވާލުގަޑީގައި މުދާ ނެރު އިރު އެންމެ ވިޔަފާރި ރަނގަޅު ދުވަސްތަކުގައި 290 ލޮރީގެ މުދާ މުޅި ދުވަހު އެކީ ބޭރުކުރޭ، އެހެންވީމާ ކުޑަ ވަގުތުކޮޅަކާ ބަލާއިރު މިއީ ވަރަށް ގިނަ މުދާ،"

މިނިސްޓަރު ވިދާޅުވީ ކޮންޓެއިނާ ކްލިއާކުރުމުގެ މަސައްކަތް ދަންވަރު 1:30 އަށް ނިމޭ ކަމަށެވެ. މިހާ އަވަހަށް މަސައްކަތް ކުރިއަށް ދަނީ ޕިކަޕު ޑްރައިވަރުންނާއި މަޖޫރީން އަދި ވިޔަފާރިވެރިންގެ އެއްބާރުލުމާއެކު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޑެލިވަރީ ކުރުމަށް ގެނައި ބަދަލާއެކު ފެން ލިބުމުގައި ދަތިތައް އުޅޭކަމަށް ދެކެވޭ ވާހަކައާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެފަދަ ކަމެއް ނޫޅޭ ކަމަށެވެ. އަދި އުޅޭނަމަ ފެން އުފައްދާ ކުންފުނިތަކާ މަޝްވަރާކޮށްގެން ހައްލު ހޯދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ މާލެ ކައިރި އަށްރަށަށް މުދާ އުފުލާ ފެރީ ތަކުގެ ދަތުރު އޮންނަނީ އާންމުކޮށް ދުވާލު މެންދުރު ފަހު ކަމަށާއި އެފަރާތްތަކަށް ފަސޭހަކުރުމަށްޓަކާ އެމްޕީއެލް އާ ވާހަކަ ދެއްކުމަށްފަހު ޓީޖެޓީ އަދި ނޯތު ހާބަރަށް މުދާ ޖަމާކޮށްފައި ބެހެއްޓުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.