05 Apr 2018, 15:49
ސިންގަޕޫރު (އޭޕްރިލް 5): ސިންގަޕޫރުން ތައިލޭންޑަށް ދަތުރު ކުރަމުން ދިޔަ ސްކޫޓު އެއާލައިނުގެ މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރު ލިބުމުން އެބޯޓު އަނބުރާ ސިންގަޕޫރުގައި ޖައްސައިފިއެވެ.
ސިންގަޕޫރު އެއާލައިންސްގެ ބަޖެޓު އެއަލައިން "ސްކޫޓް"ގެ ފްލައިޓް ޓީއާރު 634 މިހާރު ވަނީ އެގައުމުގެ ޗަންގީ އެއާޕޯޓުގައި ރައްކާތެރިކަމާއެކު ޖައްސާފައިއެވެ. އަދި އެބޯޓު ޖެއްސީ އެގައުމުގެ އެއާ ފޯސްގެ ދެ ފައިޓާ ޖެޓާ އެއްކޮށް ކަމަށް ސްކޫޓް އެއާލައިނުން ބުންޏެވެ.
ސިންގަޕޫރުގެ ފުލުހުން ބުނި ގޮތުގައި އެބޯޓުގައި ބޮމެއް އޮތް ކަމުގެ އިންޒާރު ދިނީ ބޯޓުގެ ފަސިންޖަރެކެވެ. އެހެންކަމުން އެމީހާ ފިޔަވައި ދެން ތިބި ހުރިހާ ފަސިންޖަރުން ބޯޓުން ބޭލުމަށް ފަހު ބޯޓު ފާސް ކުރި ކަމަށާއި ނަމަވެސް ބޮމެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެމައްސަލައާ ގުޅިގެން ފުލުހުން ވަނީ އެއިންޒާރު ދިން މީހާ ހައްޔަރުކޮށްފައިއެވެ.
(ސްޓްރެއިޓްސްޓައިމްސް)