28 Aug 2011, 15:53
ސިފައިންގެ ބޮޑީގާޑު ޓްރެއިނިން ހަދަމުން ދަނިކޮށް ބޮލަށް ވަޒަނެއް އަރައިގެން މިއަދު މަރުވި ރ. އަލިފުށީ ޝަބާނާ، އިބްރާހިމް ޝައުކަތުގެ މަރުގެ މައްސަލައާ މެދު ކަންތައް ކުރާނެ ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށާއި މިވަގުތު ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް ރަށުގައި ވަޅުލުގެ ކަންކަން ހަމަޖެއްސުމަށް ކަމަށް ޝައުކަތުގެ އާއިލާއިން ބުނެފި އެވެ.
ކައްދޫ ޓްރޭނިން ސެންޓަރުގައި މިހާރު ކުރިއަށްދާ ނުވަ ވަނަ ބޮޑީ ގާޑު ޓްރޭނިންގައި، ޓްރޭނިން ހަދަމުންދިޔަ ކޯޕްރަލް ޝައުކަތު،32، ގެ ކުއްލި މަރާގުޅިގެން އާއިލާ ވަނީ ފުން ހިތާމައެއްގެ ތެރޭގަ އެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ޝައުކަތުގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ ސްކޫލް ނިންމުމަށް ފަހު ސިފައިންގެ ވަޒީފާ އާ ގުޅިގެން އުޅުނު ޝައުކަތުގެ މަރާ ގުޅިގެން އާއިލާ އަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި ޝައުކަތުގެ މަންމަ އާއި ބައްޕަގެ ހާލު ވަރަށް ދެރަ ކަމަށެވެ. އެގޮތުން ޝޮކެއް ލިބިގެން އޭނާގެ މަންމަ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފަ އެވެ.
އާއިލާގައި ތިބޭ ނުވަ ކުދިންގެ ތެރޭ ހިމެނޭ ހިތް ހެޔޮ މިޒާޖެއްގެ ޝައުކަތުގެ ހަށިގަނޑު މިވަގުތު ރަށަށް ގެންދިއުން ފިޔަވައި އިތުރު ކަމެއް ބޭނުންނުވާ ކަމަށް ވެސް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި ބޭނުން ވަނީ ޝައުކަތުގެ ކަށުކަމާކެމީގެ ކަންތައް ނިންމައި ވީހާ ވެސް އަވަހަށް ވަޅުލުން ކަމަށް ވެސް އޭނާ ބުންޏެވެ.
ކުރިން މީހަކާ އިނދެގެން ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ލިބިފައިވާ ޝައުކަތުގެ އާއިލާގެ އެންމެން މިވަގުތު އުޅެމުން ދަނީ މާލޭގަ އެވެ. ނަމަވެސް އެ އެންމެން މިހާރު އަލިފުށްޓައް ދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝައުކަތުގެ އާއިލާއިން ބުންޏެވެ.
"އެންމެން ތިބީ މާލޭގައި. ޝައުކަތުގެ މަރުގެ ހަބަރު ލިބުނީމަ އެންމެން ވެސް ބޭނުންވީ މި ކޮޅަށް (އަލިފުށްޓައް) އަންނަން،" ޝައުކަތުގެ އާއިލާއިން ބުންޏެވެ.
ޝައުކަތުގެ ހަށިގަނޑު ހުޅުލެއިން ސީދާ ގެންދާ ގޮތަށް ހަމަޖެހިފައި ވަނީ އަލިފުއްޓަށެވެ. އަދި ޝައުކަތުގެ ޖަނާޒާގެ ކަންތައްތައް ރަސްމީ އިއްޒަތުގައި އެމްއެންޑީއެފްގެ އިސްވެރިންނާ އެކު އަލިފުށީގައި މިއަދު ބޭއްވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޝައުކަތުގެ މަރު ސާބިތު ކުރި ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ، ހުންނެވި އިބްރާހިމް ރަޝީދު ވިދާޅުވީ ޝައުކަތު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ޝައުކަތުގެ ބޮލަށް ވަޒަން އެރީ 11:15 އެހާކަންހާ އިރު ކަމަށާއި ޑޮކްޓަރާ ހަމައަށް ގެންދެވުނީ ފަސް ވަރަކަށް މިނެޓް ތެރޭގައި ކަމަށެވެ. ޑޮކްޓަރު ބެލުމަށް ފަހު ޝައުކަތު މަރުވެފައިވާ ކަމަށް ވިދާޅުވީ 11:25 ގައި ކަމަށެވެ.
"ބޮލުގެ ނިތް ކުރިއަށް[ވަޒަން] އަރާފައި ފަހަތުން ވަޒަން ނުކުމެފައި ހުރީ. ގެނައި އިރުވެސް މަރުވެފައި ކަމަށް ޑޮކްޓަރު ވިދާޅުވަނީ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
ޝައުކަތުގެ ބޮލަށް ވަޒަން އަރަން މެދުވެރިވީ ކީއްވެގެން ކަމެއް އަދި މިހާތަނަށް އެނގިފަ އެއް ނުވެ އެވެ.
މިކަން އެމްއެންޑީއެފުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.