05 Apr 2018, 13:05
ސައޮ ޕައުލޯ (އޭޕްރިލް 5): ކޮރަޕްޝަނުގެ މައްސަލައެއްގައި ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑެ ސިލްވާގެ މައްޗަށް ކުރި ޖަލު ހުކުމް ތަންފީޒު ކުރުން ލަސް ނުކުރެވޭނެ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ބްރެޒިލްގެ ދައުލަތުގެ ތެޔޮ ކުންފުނި ޕެޓްރޯބްރާސްގެ ކޮންޓްރެކްޓެއް ކާމިޔާބު ކުރުމަށްޓަކައި، އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ އޯއޭއެސްއިން ލޫލާއަށް ދިން ރިޝްވަތު ގަބޫލުކުރެއްވި ކަމުގެ ކުށުގައި އޭނާގެ މައްޗަށް ނުވަ އަހަރާއި ބައިގެ ޖަލު ހުކުމެއް ކުރީ މިދިޔަ އަހަރެވެ.
އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން މިދިޔަ ޖެނުއަރީ މަހު ކޯޓުން ވަނީ ލޫލާގެ މައްޗަށް ކުރި ހުކުމް ދަމަހައްޓައި، އަދި އެ ހުކުމް 12 އަހަރާއި އެއް މަހަށް އިތުރުކޮށްފައެވެ.
އެހެންކަމުން ލޫލާ ވަނީ އެމައްސަލަ އަނެއްކާވެސް އިސްތިއުނާފަށް ހުށަހަޅާ އިރު، އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ނިމެންދެން ހުކުމް ތަންފީޒު ކުރުން ލަސްކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައެވެ.
ނަމަވެސް މިއަދު ބްރެޒިލްގެ ސުޕްރީމް ކޯޓުގައި، ހުކުމް ތަންފީޒުކުރުން ލަސްކުރަން ތާއީދުކުރެއްވީ ފަސް ފަނޑިޔާރުންނެވެ. ބާކީ ހަ ފަނޑިޔާރުން ތައީދުކުރެއްވީ ލަސްނުކުރުމަށެވެ.
ލޫލާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގުކޮށް، އެއީ އަންނަ އޮކްޓޯބަރު މަހު ބާއްވާ ބްރެޒިލްގެ ރިޔާސީ ރޭހުން އޭނާ ދުރުކުރުމަށް ބަޔަކު ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެފައިއެވެ.
ބްރެޒިލްގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އެއިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ލޫލާއެވެ. (ބީބީސީ)