05 Apr 2018, 17:47
ދުނިޔެގެ ސިއްހަތު ދުވަސް ފާހަގަކުރަން ފުވައްމުލަކު ސިޓީ ހޮސްޕިޓަލުން ގިނަ ހަރަކާތްތަކެއް ކުރިއަށް އެބަ ގެންދެއެވެ.
މިއަދުން ފެށިގެން މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު އެ ހޮސްޕިޓަލުގެ މުވައްޒަފުން ވަނީ ސިއްހަތަށް ފައިދާ ހުރި ހެނދުނުގެ ނާސްތާ ތައްޔާރުކޮށް އާންމުންނަށް ވިއްކައިފައެވެ.
މާދަމާ ހާއްސަ ހަވީރެއް އެ ސިޓީގެ މާނޭރު ސަރަހައްދުގައި ބާއްވަން ވަނީ ނިންމައިފައެވެ. އެ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ފަރުޒާދު ސަން އަށް ވިދާޅުވީ މާދަމާގެ ހަވީރުގައި ސިއްހަތާ ގުޅޭ ގިނަ ކަންތައްތަކެއް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން ސިއްހީ މައުލޫމާތު ދިނުމާއި، ހަކުރު ޓެސްޓު ކުރުން، ލޭގެ ޕްރެޝަރު ބެލުން، ތެލެސީމިއާ ޓެސްޓު ކުރުން، ސަރުބީ ހުރި މިންވަރު ބެލުން އަދި ހިތުގެ ބައްޔަށް ސްކްރީނު ކުރުން ފަދަ ހިދުމަތްތައް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ހަވީރު ކުރިއަށްދާއިރު ސިއްހީ މައުލޫމާތު ދިނުންވެސް އޮންނާނެ،"
ފަރުޒާދު ވިދާޅުވީ މިމަހުގެ ހަތްވަނަ ދުވަހު ކުރިއަށް ގެންދަން ނިންމާފައިވަނީ ފުޓްސެލް މެޗުތަކެއް ކަމަށެވެ. ހޮސްޕިޓަލުގެ އަންހެން މުވައްޒަފުންނާއި ކޮލެޖެއްގެ އަންހެން ދަރިވަރުންގެ މެދުގައި ކުޅެވޭ މެޗަކާ، ހޮސްޕިޓަލުގެ ފިރިހެން މުވައްޒަފުންނާއި ވެމްކޯގެ ފިރިހެން މުވައްޒަފުންނާ ދެމެދު ކުޅެވޭ ފުޓްސަލް މެޗެއް އެދުވަހު އޮންނާނެއެވެ.
އާދިއްތަ ދުވަހު "ދާނުގައި ތިބޭ ބަލިމީހުން" ނަށް ޒިޔާރަތްކޮށް އެ ފަރާތްތަކުގެ ޗެކް އަޕް ހަދައި ހަދިޔާ ދޭން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހަކީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހެވެ.