ދެ ފުއްލާއެއް މަރާލި މައްސަލަ ސާބިތުވެ، ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ފަސް އަހަރަށް ޖަލަށް ލާން އިންޑިއާގެރާޖަސްތާނުގެ ޖޯދުޕޫރުގެ ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މީގެ 20 އަހަރު ކުރިން 1998 ވަނަ އަހަރު "ހަމް ސާތު ސާތު ހޭ"ގެ މަސައްކަތް ކުރިއަށް ދިޔައިރުއެވެ. އެ ހާދިސާގައި ސަލްމާނުގެ އިތުރުން ފިލްމުގެ އިތުރު ކާސްޓުން ކަމަށްވާ ސައިފް އަލީ ޚާން އާއި ނީލަމް، ތާބޫ، ސޮނާލީ ބެންޑްރީ އަދި ދުޝްޔަންތު ސިންހްގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފައެވެ.

ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.

ވިހި އަހަރު ކުރިން ހިނގި މިހާދިސާގައި ސަލްމާން ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ އެ މައްސަލާގައި މިއަދު ކުރިއަށް ގެންދިޔަ އަޑު އެހުމުގައެވެ.

ސަލްމާނުގެ މައްޗަށް ދައުވާކުރީ ވައިލްޑް ލައިފް ޕްރޮޓެކްޝަން އެކްޓުގެ 51 ވަނަ މާއްދާގެ ދަށުންނެވެ. އެ މައްސަލާގައި އެންމެ ބޮޑު އަދަބަކީ ހަ އަހަރުގެ ޖަލު ހުކުމެކެވެ.

ސަލްމާނުގެ މައްޗަށް ޖޯދުޕޫރުގެ ކޯޓުން އިއްވި މި ހުކުމް މަތީ ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޭނާ އަށް އޮންނާނެއެވެ.

މީގެ ކުރިން މި މައްސަލާގައި ސަލްމާންގެ މައްޗަށް އެހެން ދައުވާއެއްވެސް ކޮށްފައިވެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް ކޮށްފައި ވަނީ ޖަނަވާރު ޝިކާރައަށް ގޮސް އެ ދެ ކަޅު ފުއްލާ މަރާލުމަށް މަނާ ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރި ދައުވާ އެވެ.

އެ މައްސަލަ ސާބިތުވާވަރަށް ސަލްމާން އާ ދެކޮޅަށް ހެކި ހުށަހެޅާފައިނުވާތީ އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.