މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު ގެއެއްގެ ތެރެއަށް ހަތަރު މީހަކު ވަދެ މާރާމާރީ ހިންގުމަށް ފަހު ފިލި ކަމަށް ބުނާ މައްސަލައެއްގައި ޝަރީއަތުގައި ދިން ހެކިބަހާއި ތަހުގީގުގައި ފުލުހުންނަށް ދީފައިވާ ބަޔާނާ މުޅިން ތަފާތުވެއްޖެ އެވެ. އެ މައްސަލާގައި މީގެ ކުރިން ބޭއްވި ޝަރީއަތުގައި ވެސް ހެކިން ވަނީ އެ މީހުން ތަހުގީގުގައި ދިން ބަޔާން ނަފީކޮށްފަ އެވެ.

ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅު ކަމުގެ ކުށުގެ ދައުވާގައި، ފަސް މީހެއްގެ މައްޗަށް ކުރާ ޝަރީއަތަށް މިއަދު ހެކިބަސް ދިން މީހާ ވަނީ އޭނާ ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނަށް އިންކާރުކޮށްފަ އެވެ. އަދި ތަހުގީގަށް ބަޔާންދިން އިރު "ކަތިވަޅި"އެއް ހިފައިގެން ހުރި މީހެއްގެ ނަމެއް ބުނެފައި ނުވާނެ ކަމަށެވެ. ނަމަވެސް ހެކިބަސް ދިން މީހާގެ ނަމުގައި ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ބަޔާނުގައި "ނުރައްކާތެރި" މީހުންގެ ލިސްޓުގައި ހިމެނޭ ހ. އަގި، އަސީލް އިސްމާއިލްގެ ކަތިވަޅިއެއް ހިފައިގެން ހުރި ކަމަށް ބުނެފައިވެ އެވެ.

އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހުން ދައުވާ ކުރަނީ މ. ކޮޅުފުށީ، ޒަހީރާމަންޒިލް، އަހުމަދު ސިރުހާނާއި ގއ. ދާންދޫ، ދިލްކަޝްވިލާ، ހައުޒާން ނިޒާމާއި ގއ. ވިލިނގިލީ، ހިތިލާގޭ، މުހައްމަދު ނައްވިރާއި ހ. ހަމަރޯޅި، ރިލްވާން ފަރުހަތާއި އަސީލް އިސްމާއިލްގެ މައްޗަށެވެ. އެ މައްސަލާގައި ހިމެނޭ އަހުމަދު ސިރުހާނާއި ރިލްވާން ފަރުހަތާއި އަސީލް އަކީ ނުރައްކާތެރި ކުށްވެރިން ކަމަށް ފުލުހުން ހާމަކޮށްފައިވާ ލިސްޓުގައި ހިމެނޭ މީހުންނެވެ. އެ ތިން މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

އަސީލްގެ ވަކީލް އެނާގެ ދިފާއުގައި މިއަދު ވިދާޅުވީ އަސީލް މައްޗަށް ދައުލަތުން މިއަދު ހުށަހެޅި އެންމެ ފަހު ހެކި ބަހާ އެކު އެ މައްސަލާގައި އޭނާ ޝާމިލް ނުވާ ކަމަށް ސާބިތުވެގެން ހިގައްޖެ ކަމަށެވެ. އަދި ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ތަހުގީގުގެ ބަޔާންތަކަކީ ފުލުހުން ހަދަހަދައިގެން ހުށަހަޅާފައިވާ ބަޔާންތަކެއް ކަމަށް ވަކީލް ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގައި ދިން ހެކިބަހާ އެކު އެ މައްސަލާގައި ދައުލަތުން ހުށަހަޅާ ހެކިބަސް ދީ ނިމުނީ އެވެ. މީގެ ކުރިން އެ މައްސަލާގައި ބޭއްވި ޝަރީއަތުގައި ހުށަހެޅި ހެއްކާއި ތަހުގީގުގެ ބަޔާނާ ވަނީ ތަފާތުވެފަ އެވެ.
ތަހުގީގުގެ ބަޔާނާ މެދު ހެކިން ނަފީކުރުމުން އެ ކުށްވެރިންގެ ވަކީލުން ގާޒީގެ އަރިހުން އެދިވަޑައިގެންނެވީ އެ މީހުން ބަންދާ މެދު ގޮތެއް ނިންމައި ދިނުމަށެވެ. އަދި ކަފާލާތުގެ ދަށުން އެ ކުށްވެރިން ދޫކޮށްދިނުމަށް ގާޒީގެ އަރިހުން ވަކީލް އެދިވަޑައިގެންނެވި އެވެ.

ގާޒީ ވިދާޅުވީ މީހަކު ބަންދުން ދޫކުރާ ނަމަ ޝަރީއަތް މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި "އެކަމާމެދު ވިސްނަވަމުން" ގެންދަވާ ކަމަށް ވިދާޅުވި އެވެ.