މައުލޫމާތު އޮޅުވާލައިގެން ރާއްޖެ އައިސް، އައްޑޫ ކުލިނިކެއްގައި މަސައްކަތް ކުރަމުންދަނިކޮށް ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 13 ދުވަސް ޖަހައިފިއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫގައި ހުންނަ އެއިމްސް ކުލިނިކުގެ ލެބޯރެޓަރީ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ގުރްޖާޖް ކިޝޯރް ނަމަކަށް ކިޔާ އިންޑިއާގެ ރައްޔިތެކެވެ.

އެނގިފައިވާ ގޮތުގައި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 13 ދުވަސް ޖަހައިފައެވެ.

އޭނާ ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން އަދި ހާމަކޮށްފައި ނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ އޭނާއަކީ މީހަކު މަރާލިކަމަށް މީގެ ކުރިން އިއުތިރާފުވެފައިވާ މީހެއްކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުން، ގުރްރާޖް ވަނީ 2006 ގައި އޭނާގެ އޭރުގެ ލޯބިވެރިޔާ މަރާލިކަމަށް އަމިއްލައަށް އިއުތިރާފުވެފައެވެ. އެ ނޫހުގައި ބުނާގޮތުން، ގުރްރާޖުގެ ލޯބިވެރިޔާ ތާނިއާ، 32 މަރާލީ ދެމީހުންގެ ދެމެދު އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ.

ދެހާސް ސާދަވަނަ އަހަރު ހިތަދޫގައި ހުންނަ އައިއެމްޑީސީގެ ލެބޯޓަރީ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތްކުރަން ގުރްރާޖް ރާއްޖެ އައީ ވެސް އަސްލު ނަން އޮޅުވާލައިގެން، ހަދާފައިވާ ޑޮކިއުމަންޓްތަކެއް ބޭނުންކޮށްގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އޭނާގެ އަސްލު ނަމަކީ ގުރްރާޖް ކިޝޯރް ނަމަވެސް އޭނާ ރާއްޖޭގައި އުޅެމުން އައީ ބާސްކަރު ސްރިވަސްތާގެ ނަމުގައެވެ.