05 Apr 2018, 13:45
އެކާވީސް ވަނަ ކޮމަންވެލްތު ގޭމްސް އޮސްޓްރޭލިއާގައި އިއްޔެ ފެށީ ކުލަގަދަ ރަސްމިއްޔާތު ތަކަކާއެކީގައެވެ. ނަވާރަސަތޭކަ އަށްޑިހަ ހަވަނަ އަހަރުން 2014 ވަނަ އަހަރާ ދެމެދު ބޭއްވި ކޮންމެ ކޮމަންވެލްތު ގޭމްސްއެއްގައިވެސް ރާއްޖޭގެ ފަރާތުން ވާދަކޮށްފައިވާ އިރު، މީގެ ކުރިން ކޮމަންވެލްތު ގޭމްސްއަކީ ދިވެހީނަށް ވަރަށް ހާއްސަ މުބާރާތެކެވެ.
މިދިޔަ އަހަރު ރާއްޖެއިން ކޮމަންވެލްތުން ވަކިވުމާއެކު ދިވެހި ކުޅިވަރު އެތުލީޓުންނަށް ކޮމަންވެލްތު ގޭމްސްގެ ފުރުސަތު ވަނީ ގެއްލިފައެވެ. އަދި ހަމަ އެހެންމެ ރާއްޖޭގައި ތިބި އެކިއެކި ކުޅިވަރުގެ ރެފްރީންނަށްވެސް ކޮމަންވެލްތު ގޭމްސްގެ ފުރުސަތު ވަނީ ގެއްލިފައެވެ.

ގޯލްޑް ކޯސްޓްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ފެށުމުގެ ރައްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ކޮމަންވެލްތު ގޭމްސްގައި ކުރިއަށްދާ އެކިއެކި އިވެންޓްތަކުގައި އޮފިޝަލުކަން ވެސް ކުރަނީ މުބާރާތުގައި ބައިވެރިވާ ކޮމަންވެލްތު ގައުމުތަކުގެ ރެފްރީންނާއި އޮފިޝަލުންނެވެ.
ރާއްޖޭގެ ބެޑްމިންޓަން ރެފްރީ އަހުމަދު ޝިހާމް (ޕުޗު)އަށް މިއަހަރުގެ ކޮމަންވެލްތު ގޭމްސްއަށް ދާން ފުރުސަތު ލިބުނީ ރާއްޖެ ކޮމަންވެލްތުން ވަކިވުމުގެ ދުވަސް ކޮޅެއް ކުރިންނެވެ. ރާއްޖެ ކޮމަންވެލްތުން ވަކިވުމާއެކު ޕުޗުއަށް ކޮމަންވެލްތު ގޭމްސްއަށް ނުދެވޭނެ ކަމަށް އޭނާ ހީކޮށްގެން ހުރި ނަމަވެސް، މިފަހަރު ކޮމަންވެލްތު ގޭމްސްގައި ހުރި ހަމައެކަނި ދިވެއްސަކަށް ޕުޗު ވީއެވެ.
"އަސްލު ހީކުރީ ފުރުސަތު ގެއްލޭނެ ކަމަށް. އެކަމަކު މިހާރު މިހުރީ ކޮމަންވެލްތު ގޭމްސްގައި. މިކޮޅުން ބުނި ވަރަށް ލަކީ މީހެކޭ ތީ. އާންމުކޮށް ވާކަމެއް ނޫން މިއީ. ރާއްޖޭގެ ޓީމު ކޮމަންވެލްތު ގޭމްސްގައި ނެތް ނަމަވެސް، ރެފްރީއެއްގެ ހައިސިއްޔަތުން ރާއްޖެ ތަމްސީލުކޮށްދެވުމަކީ ވަރަށް އުފާވާ ކަމެއް. ވަރަށް ބޮޑު ފަހުރެއް،" ސަން ސްޕޯޓްސްއާ ވާހަކަ ދައްކަމުން ޕުޗު ބުންޏެވެ.
ކޮމަންވެލްތު ގޭމްސްގައި ކުރިއަށްދާ ބެޑްމިންޓަން ސީރީސްގައި 16 ގައުމަކުން ވާދަކުރާ އިރު، މިހާރު ކުރިއަށްދަނީ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ.
ކޮމަންވެލްތު ގޭމްސްގައި ހުރި ހަމައެކަނި ދިވެހި ރައްޔިތު، ޕުޗުއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އަދި ތަޖުރިބާކާރު އެއް ބެޑްމިންޓަން ރެފްރީއެވެ. ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި ޕުޗު ވަނީ ސަރަހައްދީ އަދި ދުނިޔޭގެ މައިދާނުގައިވެސް ބޮޑެތި މުބާރާތްތަކެއްގައި ބެޑްމިންޓަން ރެފްރީކަން ކޮށްފައެވެ.

ޕުޗު ވޯލްޑް ބެޑްމިންޓަން ސީރީސްގައި ---
އެގޮތުން 2012 ވަނަ އަހަރު ދުބާއީ ސުޕަ ސީރީސްގެ އިތުރުން 2015 ވަނަ އަހަރު ސުދިރުމަން ކަޕްގައިވެސް ޕުޗު ވަނީ ރެފްރީކަން ކޮށްފައެވެ. ޕުޗު ވަނީ މިދިޔަ އަހަރު މާޗް މަހު ވިއެޓްނާމްގައި އޮތް ހެނޯއީ އިންޓަނޭޝަނަލް ޗެލެންޖުގައި ވެސް އޮފިޝަލްކަން ކޮށްފައެވެ. އަދި މިދިޔަ އަހަރު ވޯލްޑް ޗެމްޕިއަންޝިޕްގައި އޮފިޝަލްކަން ކޮށް، ޕުޗު ވެފައި ވަނީ ވޯލްޑް ޗެމްޕިއަންޝީޕްގައި ބެޑްމިންޓަން ރެފްރީކަން ކުރި ފުރަތަމަ ދިވެއްސަށެވެ.
މިހާރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ޕުޗު ރެފްރީކަން ކުރާ އިރު، އޭނާއަކީ ކޮމަންވެލްތު ގޭމްސްގައި ބެޑްމިންޓަން ރެފްރީކަން ކުރާ ފުރަތަމަ ދިވެއްސެވެ.