ރިޔާޟް (އޭޕްރިލް 5): މީގެ 35 އަހަރު ކުރިން ސައުދީ އަރަބިއްޔާއިން ސިނަމާތައް ބަންދު ކުރި ފަހުން އެގައުމުގައި ފުރަތަމަ ފަހަރަށް ސިނަމާއެއް ހުޅުވުން މިމަހު އޮންނާނެ ކަމަށް އެގައުމުން ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާ، ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ)ގައި ވާގޮތުން އެގައުމުގެ ޕަބްލިކް އިންވެސްޓުމެންޓް ފަންޑު (ޕީއައިއެފް)އިން ވަނީ އޭއެމްސީ އެންޓަޓެއިންމެންޓް ހޯލްޑިންގްސްއާ ގުޅިގެން އެގައުމުގައި ސިނަމާތައް ހިންގަން އެއްބަސްވުމެއް ހަދާފައެވެ.

އަދި އެއެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ތެރޭ ސައުދީ އަރަބިއާގެ 15 ސިޓީއެއްގައި 40 ތިއޭޓަރު ހުޅުވުމުގެ އިތުރުން، 2030 އަންނަންވާއިރަށް 25 ސިޓީއެއްގައި 100 އާ ގާތް ކުރާ ވަަރަށް ސިނަމާތައް ހުޅުވާނެ ކަމަށް އެސްޕީއޭގައި ވެއެވެ.

ސައުދީ އަރަބިއާގެ އިންފޮމޭޝަން މިނިސްޓްރީން ބުނި ގޮތުގައި ފުރަތަމަ ސިނަމާ ހުޅުވުން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އެ ސިނަމާ ހުންނާނީ ވެރިރަށް ރިޔާޟުގެ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓުގައެވެ.

ސައުދީ އަރަބިއްޔާގެ ސިނަމާތައް 1970އިގެ އަހަރުތަކުގައި ބަންދު ކުރި ފަހުން އެގައުމުގައި ސިނަމާތައް ހުޅުވަން ހުއްދަ ދޭން ނިންމީ މިދިޔަ އަހަރުގެ އެވެ. އަދި އެ ސިނަމާތަކުގައި ދައްކާނީ އެގައުމުގެ ސަގާފަތާ، އިންފޮމޭޝަން ޕޮލިސީއާ ފުށުނާރާ ފިލްމުތައް ކަމަށް ސައުދީ އަރަބިއްޔާގެ ކަލްޗާ އެންޑް އިންފޮމޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެއީ އެ ގައުމު އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއެރުވުމަށް ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވައިގެން ކަނޑައަޅާފައިވާ ވިޝަން 2030ގެ ދަށުން ގެންނަ ބަދަލުތަކެކެވެ. (އަލްޖަޒީރާ)