05 Apr 2018, 12:54
އެކްތާ ކަޕޫރަކީ އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި އެންމެ ނުފޫޒުގަދަ ނަމެވެ. މިހާރު އިންޑިއާގެ ވެބް ސީރީޒްތައް އުފެއްދުމުގައިވެސް އެކްތާ އުޅެނީ އެންމެ ކުރީގައެވެ.
ކާމިޔާބު ގިނަ ސީރީޒްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ އެކްތާ މިހާރު އަންނަނީ 2001 ވަނަ އަހަރު ކަރަން ޖޯހަރު ޑައިރެކްޓު ކުރި ފިލްމު ކަބީ ޚުޝީ ކަބީ ޣަމް ގެ ރީމޭކެއް ހަދައި، ޓީވީ ސީރިއަލްއެއްގެ ގޮތުގައި ގެނެސްދޭން މަސައްކަތް ކުރަމުންނެވެ.
އަމީތާބް ބައްޗަންއާއި ޖާޔާ ބައްޗަން، ޝާހުރުކް ޚާން، ކާޖޮލް އަދި ކަރީނާ ކަޕޫރާއި ރިތިކް ރޯޝަން ފެނިގެނެދާ ކަބީ ޚުޝީ ކަބީ ޣަމްއަކީ ފެމެލީ ފިލްމެކެވެ. އާއިލީ ލޯތްބާއި ހިތާމަ ފެނިގެންދާ މި ފިލްމުގެ ވާހަކަތަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސް ޓީވީ ސީރިއަލް އަކަށް ބަދަލުކޮށްގެން ގެނެސްދޭއިރު ޑްރާމާގެ ކާސްޓުވެސް ވަރަށް ވަރުގަދަވާނެކަމަށް ބެލެވެއެވެ. މި ސީރީޒް ގެނެސްދެން ސޮނީ އާއެކު އެކްޓާ ވަނީ މަޝްވަރާކޮށްފައެވެ.
އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި 20 އަށް ވުރެ ގިނަ އަހަރު ރަނިކަން ކުރަމުން އަންނަ އެކްތާ އަންނަނީ އޭނާގެ އެންމެ ކާމިޔާބު ގިނަ ސީރިއަލްތަކުގެ އިތުރު ބައިތައް އުފައްދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ކަސޯޓީ ޒިންދަގީ ކީގެ ދެވަނަ ސީޒަނެއް ފަށަން ތައްޔާރުވަމުން އަންނައިރު، ނާގިންގެ ތިންވަނަ ބައެއް ގެނެސްދެންވެސް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިންޑިއާގެ ޓީވީ ރޭންކިންއަށް ބަލާއިރު އެއްވަނާގައި އޮތީ އެކްތާގެ ކުމްކުމް ބާގްޔާއެވެ. ޔޭހޭ މޮހައްބަތޭންވެސް މިހާރު އޮތީ އަނެއްކާވެސް ގަދަ ފަހެއްގައެވެ.