05 Apr 2018, 10:06
ބިރުވެރި ފިލްމުތައް އުފެއްދުމަށް، ދިވެހީންގެ ތެރޭގައި އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ "ރޭވުމުން" މި ހުކުރު ދުވަހު ޝްވެކް ސިނަމާގައި އަޅުވަން ނިންމައިފިއެވެ.
އޮލިމްޕަހުގައި މި ފިލްމުގެ ޝޯތަކެއް ދައްކާފައިވާއިރު ފިލްމު ރިލީޒްކޮށްފައިވަނީ މިދިޔަ މަހުގެ 24 ގައެވެ. މި ފިލްމަކީ އަމްޖޭގެ ފިލްމީ ހަޔާތުގައި އޭނާ ތައްޔާރުކުރި 52 ވަނަ ފިލްމެވެ.
ޝްވެކްއިން ބުނީ މާލެ އަދި ހުޅުމާލޭގައި ހުންނަ ސިނަމާގައިވެސް މި ހުކުރު ދުވަހު ފިލްމު އަޅުވާނެ ކަމަށެވެ.
މިއީ ގެވެށި އަނިޔާއާއި، ޖިންސީ ގޯނާ، ކައިވެނިން ބޭރުގައި ގުޅުންހިންގުމާއި، ދުނިޔަވީ ދަހިވެތިކަމުގައި ސިހުރު ފަންޑިތަ ހަދައި، އެންމެ ފަހުން އޭގެ ކޮންޓްރޯލް ގެއްލި ބިރުވެރި ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ.
ރޭވުމުން"ގައި ތަރިންގެ ގޮތުގައި ފެނިގެންދާނީ މުހައްމަދު މަނިކު، އަހްމަދު ޝާޒް (ތަޖޫބެ)، ހަސަން މަނިކު، ފައުޒިއްޔާ ހަސަން، މަރިޔަމް ޝަކީލާ އަދި މުޅިން އަލަށް ދިވެހި ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާ ބަތަލާ ނާޖިހާ ޢަޒޫރު (ނާ)އެވެ.
ގިނަ ފިލްމުތަކުން، "ނުބައިބައި އަދި ރަނގަޅުބައި" ފެނިގެން ދިޔަނަމަވެސް، "ރޭވުމުން"ގައި ފެނިގެން ދަނީ މުޅިންވެސް "ނުބައިބައި" މީހުންނެވެ.
ފިލްމު ނިމިގެން ދަނީ މީގެ ދެވަނަ ބައެއްވެސް ފެނިދާނޭ ފަދަ ގޮތަކަށެވެ.