ރެމޯ ޑިސޫޒާ ޑައިރެކްޓުކުރާ "ރޭސް 3" ގައި ސަލްމާން ޚާން އާއެކު ފެނިގެންދާ އަންހެން ދެ ލީޑު އެކްޓަރުން، ޖެކްލީން ފެނަންޑޭޒް އަދި ޑެއިޒީ ޝާހް އާ ދެމެދު މައްސަލަ ޖެހި، ދެމީހުންގެ ގުޅުން ހީނަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޖެކްލީން އަދި ޑެއިޒީއަކީ ކޯސްޓާރުންނާ ވަރަށް ގާތް، އަދި ގުޅުން ރަނގަޅު އެކްޓަރުންގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ދެ މީހުންނެވެ.

ނަމަވެސް ރިޕޯޓުތައް ބުނާގޮތުން "ރޭސް 3" ގެ ސެޓުގައި ދެމީހުންގެ ދެމެދުގައި ކޮންމެސް ވަރެއްގެ ނުތަނަވަސްކަމެއް އެބަ އުޅެއެވެ. އަދި އެކަން ފޮރުވަން ދެމީހުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޑެއިޒީއާ ޖެކްލީން މައްސަލަ ޖެހުނީ ފިލްމުގެ އަންހެން ލީޑާއި ގުޅޭގޮތުންނެވެ. ޖެކްލީން ގަބޫލުކުރާ ގޮތުގައި ފިލްމުގެ އަންހެން ލީޑަކީ އޭނާއެވެ. ނަމަވެސް ޑެއިޒީ ގަބޫލު ކުރާ ގޮތުގައި ފިލްމުގައި ދެމީހުންގެ ރޯލު ވެސް ހަމަހަމައެވެ.

ފިލްމުގައި ޑެއިޒީ ފެނިގެންދާނީ ސަންޖަނާގެ ރޯލުންނެވެ. އަދި ޖެކްލީން އަދާކުރާނީ ޖެސިކާ ކިޔާ އަންހެނެއްގެ ރޯލެވެ. ފިލްމުގައި ދެމީހުންނަކީ ހަތުރުންނެވެ. އަދި ދެމީހުންގެ ދެމެދުގައި ވަރުގަދަ އަރާރުންވުމެއް ހިނގާ ސީނެއް ވެސް ފިލްމުގައި ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ.

ރަމޭޝް ޓޯރާނީ ޕްރޮޑިއުސް ކުރާ އެ ފިލްމުގެ ޝޫޓިން މިހާރު ފެށިގެން ކުރިއަށްދާއިރު، ފިލްމުގެ ޕޯސްޓަރުތައް ވެސް ވަނީ އާންމުކޮށްފައެވެ.

ފިލްމުގައި ސަލްމާން، ޖެކްލީން އަދި ޑެއިޒީގެ އިތުރުން މުހިންމު ރޯލުތަކުން ފެނިގެން ދާނީ އަނިލް ކަޕޫރު، ބޮބީ ޑިއޯލް އަދި ސާގިބް އެވެ.