28 Aug 2011, 14:27
ހުޅުމާލޭ އިރުމަތީ ފަރާތުގައި ހަދާ ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ ބިން ހިއްކުމުގެ މަސައްކަތް ހެވީ ލޯޑް މޯލްޑިވްސްއާ ހަވާލުކޮށްފި އެވެ.
ސަރުކާރު ހިންގާ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހެވީލޯޑާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކިހާ ވަރަކަށް ކަމެއް ޖީއެމްއާރަކުން ނުބުންޏެވެ. ނަމަވެސް އެ ކުންފުނިން މިއަދު ބުނީ، އާ ޓާމިނަލް އަޅާތަން ހިއްކުމުގެ މަސައްކަތް، ޖީއެމްއާރުގެ ސަބްސިޑަރީ ކުންފުނި، ޖީއެމްއާރު އެއާޕޯޓް ޑިވޮލަޕްމަންޓް ލިމިޓެޑް]ޖީއޭޑީއެލް[ އާ ހަވާލުކޮށްފައިވާ ކަމަށާއި ހެވީލޯޑާ އެ މަސައްކަތް ހަވާލުކުރީ އެ ކުންފުނިން ކަމަށެވެ. އަދި ބުނީ އާ ޓާމިނަލް އަޅާ ބިން ހިއްކުމަށް 20 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ.
ޖީއެމްއާރުން ބުނީ އާ ޓާމިނަލް އަޅާ ބިން ހިއްކުމުގެ މަސައްކަތުގެ ފުރަތަމަ ފޭހުގައި ހިމެނެނީ، ކޮނުމާއި ހިއްކުމުގެ މަސައްކަތުގެ 50 ޕަސެންޓް ކަމަށާއި އެ މަސައްކަތުގައި ގާތްގަނޑަކަށް އެއް މިލިއަން ކިއުބިކުގެ މީޓަރުގެ މެޓީރިއަލް ޖަމާކޮށް ފެތުރުން ހިމެނޭ ކަމަށެވެ.
ނަމަވެސް އެ ކުންފުނިން ބުނީ ފުރަތަމަ ފޭހުގެ ދަށުން ހިއްކާ ބައި ހެވީލޯޑާ ހަވާލު ކުރިއަސް، ތޮށިލުމުގެ މަސައްކަތް އަދި އެ ކުންފުންޏާ ހަވާލު ނުކުރާ ކަމަށެވެ.