05 Apr 2018, 08:45
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ މެންޗެސްޓާ ސިޓީ މާޔޫސްކޮށްލައިފިއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު މެޗުގައި ލިވަޕޫލް އަތުން ސިޓީ ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ. އެއީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންދާ ސިޓީއަށް ލިވަޕޫލް އަތުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ދެވަނަ ފަހަރެވެ.
އެ މެޗުގައި ސިޓީން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، މެޗުގެ 12 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ހުނަރުވެރި ފޯވަޑް މުހައްމަދު ސަލާހެވެ. ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއިން ސަލާހަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ ބަލިވީ 3-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
ލިވަޕޫލަށް ސަލާހު ލީޑު ހޯދައިދިންތާ އަށް މިނެޓުތެރޭ އެޓީމުން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ޖޭމްސް މިލްނާ ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު އެލެކްސް އޮކްސްލޭޑް ޗެމްބާލޭންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ 20 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސެނަގާލް ފޯވަޑް ސާޑިއޯ މާނޭއެވެ. ސަލާހު ނަގައިދިން ހުރަސް، މާނޭ ވަނީ ސިޓީގެ ގޯލުގެ ކަނަކަށް އަމާޒުކޮށްލައިފައެވެ.
މެޗުގެ ދެވަނަ ހާފުގައި ސިޓީގެ ކުޅުން ވަރުގަދަކޮށް ފެނިގެންދިޔަ ނަމަވެސް، ލިވަޕޫލުން ދިޔައީ ޑިފެންސިވް ގޭމެއް ކުޅެމުންނެވެ. އެހެންކަމުން ސިޓީއަށް ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ. ދެވަނަ ހާފުގައި ސިޓީއަށް ލިވަޕޫލްގެ ފޯވަޑް ލައިންގެ ގިނަ ނުރައްކާތަކަކާ ކުރިމަލާން ޖެހިފައިނުވަނީ އަނިޔާއަކާ ގުޅިގެން ސަލާހު ބޭލި ހިސާބުންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ ބަލިވީ 3-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
ކުއާޓާގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު އަނެއް މެޗުގައި ބާސެލޯނާއިން ވަނީ ރޯމާ އަތުން މޮޅުވެފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ބާސާ މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ.
ކުއާޓާގެ ދެވަނަ ލެގު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ އަދި ބުދަ ދުވަހުއެވެ. އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ސިޓީ ނުކުންނަ އިރު، ރަށުން ބޭރުގައި ބާސާ ނުކުންނާނީ ރޯމާއާ ދެކޮޅަށެވެ. އަންނަ ބުދަ ދުވަހު އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނަ އިރު، ރަށުން ބޭރުގައި ބަޔާން މިއުނިކްއާ ދެކޮޅަށް ސެވިއްޔާ ނުކުންނާނެއެވެ.