މިސްރުގެ ރިޔާސީ އިންތިހާބުގައި އެގައުމުގެ މިހާރުގެ ރައީސް އަބްދުލްފައްތާހު އަލް ސީސީ ހޯއްދެވި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަރުހަބާ ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، މިޞްރުގެ ރައީސަށް މަރުޙަބާ ވިދާޅުވެ ހެޔޮއެދުންތައް ވަނީ އަރިސްކުރައްވައިފައެވެ.

މިސްރުގެ ރައީސަށް މިލިބިވަޑައިގެންނެވި ކާމިޔާބީއަކީ، އެމަނިކުފާނު އެޤައުމުގެ ކުރިއެރުމަށާއި ތަރައްގީއަށް ކުރައްވާ މަސައްކަތްޕުޅަށް ރައްޔިތުންގެ ފަރާތުން ލިބިފައިވާ އިތުބާރާއި ޔަގީންކަން ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖެއާއި މިޞްރާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށާއި، ސީސީގެ ކުރިއަށް އޮތް ދައުރުގައި ދެޤައުމުގެ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.

މިޞްރުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި، ތަރައްގީއާއެކު އުފާ ފާގަތި މުސްތަގުބަލަކަށް ރައީސް ޔާމިން ވަނީ އެދިވަޑައިގެންފައެވެ.